ކޯވިޑް-19އާ ގުޅިގެން ރިކަވަރީ ލޯނު ސްކީމް ރިލީފް ފަންޑުގެ ތެރެއިން 51 ލޯނަކަށް 70 މިލިޔަން ރުފިޔާ ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، މިހާތަނަށް، ލޯނު ލިބޭނެކަމުގެ ޔަޤީންކަންދޭ 81 ސިޓީއެއް ބޭންކް އޮފް މޯލްޑިވްސް އިން އެޕްރޫވް ކޮށްފައިވާކަމަށެވެ. ރިލީފް ފަންޑުގެ ތެރެއިން ލޯނަށް އެދިފައިވާ މީހުންގެ ތަފްސީލް ހާމަކުރައްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާޢީލް ވިދާޅުވީ ރިލީފް ފަންޑުގެ ތެރެއިން އެސްއެމްއީ ބޭންކް މެދުވެރިކޮށް 1163 މީހަކު ލޯނަށް އެދިފައިވާކަމަށެވެ.
އިކޮނޮމިކް މިނިސްޓަރ ވިދާޅުވިގޮތުގައި އޭގެ ތެެރޭގައި ހިމެނެނީ 764 ވިޔަފާރި ލޯނާއި، ސެލްފް އެމްޕްލޮއިމަންޓުގެ 403 ލޯނެވެ. މީގެ ތެރެއިން މިއަދާހަމަޔަށް ފައިސާ ދޫކޮށްފައިވަނީ 38 ލޯނަކަށެވެ. އެދިފައިވާ ލޯންތައް އެޕްރޫވްކޮށް ލޯންތައް ދޫކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވަނީ ކޯވިޑް-19އާ ގުޅިގެންކަމަށްވެސް މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ. ކޯވިޑް-19އާ ގުޅިގެން އެޗްޑީއެފްސީއާއި، އިކޮނޮމިކް މިނިސްޓްރީގެ ބައެއް މުވައްޒަފުން އައިސޮލެޓް ކުރުމުން މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ނަމަވެސް މިހާރު މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ލޯނަށް އެދިފައިވާ މީހުންގެ ތެރެއިން %90 މަސައްކަތް ނިންމުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާތަނަށް އެދިފައިވާ ލޯނުތަކުގެ ތެރެއިން 53 ލޯނެއް ރިޖެކްޓްކޮށްފައިވާކަމަށާ، އަދި މިހާތަނަށް އެޕްރޫވް ކުރެވިފައިވަނީ 203 ލޯނެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
" އަޅުގަނޑުމެންނަށް ދޫކުރެވިފައިވަނީ 764 ވިޔަފާރި ލޯނާއި، ސެލްފް އެމްޕްލޯއިމަންޓްގެ 403 ލޯނު. ޖުމްލަ 1163 ލޯނެއް ރިލީފް ފަންޑަށް ވަނީ ލިބިފަ. މިއަދާއި ހަމަތަށް ފައިސާ ދޫކޮށްފައިވަނީ 38 ލޯނަކަށް. އެޕްރޫވް ކުރެވިފައިވަނީ 203 ލޯނަކަށް. 53 ލޯނެއް ރިޖެކްޓް ކުރެވިފައިވާރު ޕްރޮސެސް ކުރެވުނީ %25 އެޕްލިކޭޝަން. އަޅުގަނޑުމެން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ހަފްތާގައި މިމަސައްކަތުގެ %90 މަސައްކަތް ނިންމާލުމަށް" މިނިސްޓާ ފައްޔާޟު ވިދާޅުވި.
މިނިސްޓަރ ފައްޔާޟު ވިދާޅުވިގޮތުގައި މިކަންކަން ކުރުމުގައި ސަރުކާރުން އަމާޒުކޮށްފައިވަނީ ޢާމްދަނީ ހުއްޓި ގޮތްހުސްވެފައިވާ މީހުންނަށް ގޮތްތަކެއް ހޯދައި ދިނުމަށެވެ. އަދި ލޯންތައް ދޫކުުރުމުގައިވެސް އެންމެބޮޑު އިސްކަމެއްދެނީ މިކަންކަމަށް ބެލުމަށްފަހުއެވެ. އަދި އެންމެ ބޮޑަށް މިކަމުގައި ބަލަމުންދާނީ ކޯވިޑް-19އާ ގުޅިގެން މިކަމުގެ އަސަރު އެންމެބޮޑަށް ކޮށްފައިވާ މީހުންނަށެވެ.