އެމްޓީސީސީން މިވަގުތުވެސް ރާއްޖޭގެ 35 ރަށެއްގައި 42 މަޝްރޫޢެއް ހިންގަމުންދާކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19އާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ލައިވް ކަވަރޭޖްގައި ވާހަކަފުޅުދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީން މިހާލަތުގައިވެސް މަސައްކަތް ކުރަމުންދަނީ އެކުންފުންޏާ ޙާވާލުކޮށްފައިވާ މަޝްރޫޢުތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށްކަމަށެވެ.
ކޯވިޑް-19އާއެކު ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުން މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވަނީ ދަތުރުފަތުރާއި، ތަކެތި ލިބުމުގައިކަން އޭނާ ފާހަގަކުރެއްވިއެވެ. އެމްޓީސީސީން ހިންގާ ގިނަ މަޝްރޫޢުތަކަކީ ބޭރުގެ އެކި ޤައުމުތަކުން ތަކެތި ގެނެސްގެން ހިންގާ މަޝްރޫޢުތަކަށްވާތީ، ކޯވިޑް-19އާ ގުޅިގެން ދަތުރުފަތުރުތައް ހުއްޓިފައިވުމަކީ ތަކެތި ގެނައުމުގައި ބޮޑު ދައްޗަކާ ކުރިމަތިވެފައިވާކަމެކެވެ.
"އަޅުގަނޑުމެން މިޙާލަތުގައިވެސް 35 ރަށެއްގައި 42 ޕްރޮޖެކްޓެއް ކުރިއަށް ގެންދަން. އެއްވެސް މަޝްރޫޢުއެއް ހުއްޓާނުގައި ކުރިއަށް ގެންދިއުމަކީ ކުންފުނީގެ އެންމެބޮޑު އަމާޒު. އަޅުގަނޑުމެންނާއި ހަވާލުކޮށްފައިވާ މަސައްކަތްތައް މިއަހަރުގައި ނިންމާލުމަށް މިހާލަތުގައިވެސް ވަރަށްބޮޑަށް މަަސައްކަތް ކުރާނަން. މިކަމުގައި އޮތް އެންމެބޮޑު ގޮންޖެހުމަކީ ދަތުރު ފަތުރުގެ ދަތިކަން ޚާއްސަކޮށް، އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ތަކެތި ގެންދިއުމުގެ ދަތިކަން" އާޒިމް ވިދާޅުވި.
އާޒިމް ވިދާޅުވިގޮތުގައި އަތޮޅުތަކުގެ ރަށްރަށަށް ތަކެތި ގެންދިއުމުގެ ދަތިކަންވެސް ވަރަށްބޮޑެވެ. މިހުރިހާ ގޮންޖެހުންތަކާއިއެކުވެސް މަޝްރޫއުތައް ކުރިއަށްދާ ރަށްތަކުގައި މަސައްކަތް ދަނީ ކުރިއަށެވެ. 2 ރަށެއްގައި ހިންގަމުންދިޔަ މަސައްކަތް ނިމި އެހެން ރަށްތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދެއެވެ.
އާޒިމް ވިދާޅުވީ މަސައްކަތް ކުރުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ކޮންމެ ހަފްތާއަކު ފިނޭންސް މިނިސްޓްރީއާއި، ޕްލޭނިން މިނިސްޓްރީއާއި އެންވާރުމަންޓް މިނިސްޓްރީއާ މަޝްވަރާކުރައްވަމުންދާކަމަށެވެ. މަސައްކަތް މިހާތަނަށްވެސް ކުރިއަށް ގެންދިއުމުގައި މި މިނިސްޓްރީތަކުގެ ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.