ޚަބަރު

ކޯވިޑް-19 : އެހީތެރިކަން ބޭނުންވާ 700 އައިލާއަކަށް ޑެލިވަރީގެ ޙިދުމަތް


މުޖުތަމައުގައި ތިބި ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކާބޯތަކެތީގެ ދަތިކަންހުރި 700 އާއިއިލާއަކަށް ކާބޯތަކެތީގެ އެހީތެރިކަން ޔުނިސެފާއި ގުޅިގެން ފޯރުކޮށް ދެމުންދާކަމުގައި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މަހުލޫފް ވިދާޅުވީ މާލެ ސަރަހައްދު ފުރަބަންދު ކުރުމާގުޅިގެން ޑެލިވަރީގެ ޚިދުމަތަށް ދިމާވި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ޔޫތްމިނިސްޓްރީން އެކުލަވާލި ޒުވާން ޑެލިވަރީ ޓީމުން ވަރަށް ހިތްވަރާއިއެކު މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ޖެންޑަރ މިނިސްޓްރީއާއި، ޔުނިސެފާއި ގުޅިގެން މުޖުތަމައުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން 700އެއްހާ އާއިލާއަށް މިހާރުވެސް ކާބޯތަކެތި ޑެލިވަރީ ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ ތެރެއިން ޖެންޑަރ މިނިސްޓްރީއައި ގުޅިހެން ހިދުމަތް ފޯރުކޮށްދެވެމުންދާކަމަށް. އަދި މިގޮތަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މީހުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ފަރާތްތަކަށް އެކަން ކަށަވަރުކޮށް ދިނުމަށް މިހާރުވެސް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ނުނިމިހުރި ފެސިލިޓީސްތަކުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

މިހާލަތާއި ގުޅިގެން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވި އެންމެބޮޑު ގޮންޖެހުމަކީ ޑެލިވަރީގެ ހިދުމަތްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ބިދޭސީންގެ ބަދަލުގައި މިކަމަށް ދިވެހިން ނިކުތުމަކީ ރައީސުލްޖުމްހޫރިއްޔާގެވެސް އެންމެބޮޑު ވިސްނުމަކަށްވުމުން ޔޫތްމިނިސްޓްރީން ހުޅުވާލި ފުރުސަތުގައި 500 އާއި ގާތްކުރާ އަދަދަކަށް ވޮލެންޓިއަރުން މިކަމަށް އިސްނަގައި ޚިދުމަތަށް ނިކުތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއާއިއެކު މާލެ ސަރަހައްދުގެ ޑެލިވަރީގެ ކަންކަމަށް މިއަދު ބޮޑު ހަމަޖެހުމެއް އައިސްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިހާލަތުގައި ދައުލަތުގެ އިސްވެރިންނާއި، ކަމާއިގުޅުންހުރި ހުރިހާ ބޭފުޅުން ރެއާއި ދުވާލު ކުރަމުންދާ ބުރަ މަސައްކަތަކީ މިކަމުން އަރއިގަނެ ރައްޔިތުންނަށް ލުއިގޮތްތަކެއް ހޯދުންކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމުގައި ހުރި ގޮންޖެހުންތަކާއިއެކުވެސް އެންމެ ރަނގަޅު ޙިދުމަތެއް ދިނުމަކީ ސަރުކާރުގެ އަމާޒްކަމަށެވެ.