ޚަބަރު

"ނޫސްވެރިކަމުގެ އިންޑެކްސްއިން ދައްކުވައިދެނީ ރާއްޖޭގެ މިޑިޔާގެ މުސްތަޤްބަލް"


ދުނިޔޭގެ ނޫސްވެރިކަމުގެ އިންޑެކްސްގައި 19 ދަރަޖައިގެ ކުރިއެރުމެއް ހޯދައި ދެކުނު އޭޝިއާގެ ދެވަނަ ދަރަޖަ ރާއްޖެހޯދުމަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މުސްތަގުބަލް އުޖާލާކޮށް ފެންނަ ކަމެއް ކަމުގައި މޯލްޑިސް މީޑިޔާ ކައުންސިލުގެ ރައީސް ހިދާޔަތުﷲ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިންގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ އެންމެހައި ނޫސްވެރިންނަށް ފޮނުއްވައި މީޑިޔާ ކައުންސިލުގެ ރައީސް ހިދާޔަތުﷲ ފޮނުއްވި ޚިޠާބުގައި ވިދާޅުވެފައިވަނީ މިދަނޑިވަޅުގައި ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެއިން 19 ދަރަޖައިގެ ކުރިއެރުމެއް ހޯދައި، އެ އިންޑެކްސްގެ 79 ވަނައަށް އަރާފައިވާތީ، އެކަން ފާހަގަކޮށް ހޫނު މަރުޙަބާއެއް ވިދާޅުވާކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެ ވަނީ 22 ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ. އަދި މި އަހަރު މިވަނީ 19 ދަރަޖައިގެ ކުރިއެރުމެއް ހޯދައި މުޅި ދެކުނު އޭޝިއާއިންވެސް ދެވަނަ ދަރަޖައިގައެވެ.

ނޫސްވެރިން މަސައްކަތްކުރަންވާނީ، ނޫސްވެރިންނަށް ލިބިދީފައިވާ މިނިވަންކަމުގެ އިމުގެ ތެރޭގައި ބިރެއް ފަސްޖެހުމެއްނެތިކަމަށާ، ވަކިފަރާތަކަށް ޖެހުމެއްނެތި ހަމަހަމަކަމާއި އިންސާފުންކަން އެކައުންސިލުންވަނީ ފާހަގަކުރައްވާފައެވެ. އަދި ބިރެއްނެތި ނޫސްވެރިކަންކުރެވޭނެ އަމާން ފަހި މާހައުލެއް ޤާއިމުކޮށްދިނުމުގެ މުހިންމުކަންވެސް މި ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. ޚާއްސަ ގޮތެއްގައި މިހާރު ފެތުރިފައިމިވާ ބަލިމަޑުކަމުގެ ޙާލަތުގައި ނޫސްވެރިން މަސައްކަތްކުރަމުންދާއިރު، މިއީ ކޮންމެހެން މުހިންމުކަމެއްކަން އެބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މިދުވަހާއި ގުޅިގެން ތަހުނިޔާ ވިދާޅުވެ ބްރޯޑްކާސްޓިން ކޮމިޝަނުންވެސް ވަނީ ބަޔާނެއް ނެރުއްވާފައެވެ. މި ބަޔާނުގައިވަނީ މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ނޫސްވެރިންނާ ކުރިމަތިލަނީ އިންސާނީ ޙަޔާތުގައިވެސް މީގެކުރިން ކުރިމަތިވެފައި ނުވާފަދަ ބޮޑު ބަލިމަޑުކަމެއް މުޅި ދުނިޔެ ތަހައްމަލުކުރަމުންދާ ނާޒުކު ދަނޑިވަޅެއްގައިކަމަށެވެ.

ޔުނެސްކޯއިން މިއަހަރުގެ ޚާއްސަ ކޮންފަރެންސަށް ކަނޑައެޅުއްވި ޝިޢާރަކީ، "ޖެހިލުންވުމެއް، ވަކިއަތަކަށް ޖެހުމެއްނެތި ނޫސްވެރިކަން" މިއެވެ.