ފުރަބަންދާއި ގުޅިގެން މާލެއިން އެނބުރި ރަށަށް ދެވޭނެގޮތެއް ނެތިފައިތިބި 80 މީހަކަށް އެކަމުގެ އިންތިޒާމް ހަމަޖައްސައި ދީފިއެވެ.
ޕީއެސްއެމް ނިއުސްއިން ކޯވިޑް-19ގެ މަޢުލޫމާތު ގެނެސްދިނުމަށް ކުރިއަށްގެންދާ ލައިވް ކަވަރޭޖްގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ބޭސް ފަރުވާއަށް މާލެ އައިސް އުޅުނު މީހުންނާއި، ރިސޯޓްތަކުން ރަށަށް ދިއުމަށް މާލެ އައި މީހުންނާއި، މިނޫންވެސް އެކިގޮތްގޮތުން މާލޭގައި ތާށިވެފައި ގިނަ ބަޔަކު އެބަތިބިކަމަށެވެ. އެެހެންކަމުން އެފަދަ ފަރާތްތަކަށް އެހީތެރިވެދިނުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުޞަތުގެ ބޭނުން ހިފައި ރަޖިސްޓަރ ކުރުން މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.
މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ރަށްރަށަށް މީހުން ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މީހުން ރަށްރަށަށް ފޮނުވަމުންދާނެކަމަށެވެ. އެގޮތުން ޓުއަރިޒަމް މިނިސްޓްރީގައި ރަށަށް ދާން ބޭނުންވެގެން ރެޖިސްޓަރކުރި މީހުންގެ ލިސްޓު ޖެންޑަރ މިނިސްޓްރީއަށް ފޮނުވާ ދަތުރުފަތުރުގެ ކަންކަން ހަމަޖައްސަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިހާރު ރެޖިސްޓަރވެފައި ތިބި 80މީހުންގެ ލިސްޓް ޖެންޑަރއަށް ހުށައަޅާ، އެމީހުންގެ ދަތުރު ހަމަޖެހިފައިވަނީ. އެމްއެންޑީއެފުން ދަތުރުގެ ކަންކަން ހަމަޖައްސަނީ އެންއީއޯސީއާއި ގުޅިގެން." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރިސޯޓްތަކުގައި ތިބި މީހުންނަށް އެމީހުންގެ ރަށްރަށަށް ދެވޭނެ ޚާއްސަ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ޕްލައިޓް ދަތުރުތައް ހުއްޓާލުމާއި ގުޅިގެން ރިސޯޓްތަކުގައި ގިނަ އަދަދެއްގެ މުޢައްޒަފުންވަނީ ތާށިވެފައެވެ.
"އެއްހާހެއްހާ މީހުން އެބަތިބި ރިސޯޓްތަކުގައިވެސް ރަށަށް ދާން ބޭނުންވާ. އެމީހުންނަށް ގޮތެއް ހަމަޖެއްސުމަށް ރިސޯޓްތަކުގެ މެނޭޖްމަންޓާއި، އައިލެންޑް އޭވިއޭޝަނާއި އެކު އެބަ މަޝްވަރާކުރަން. އެމީހުން މާލެއަށް ނާރާ، ސީދާ ހުޅުލެއަށް ގޮސް ދެވޭނެ ގޮތަކަށް ދަތުރުތައް ހަމަޖެއްސުމަށް މަސައްކަތްކުރަމުން މިދަނީ." މިނިސްޓަރ ވިދާޅުވިއެވެ.
އެޗްޕީއޭއިން މިހާރުވަނީ ރަށްރަށަށް މީހުން ގެންދިއުމާއި، މިގޮތަށް ދާ މީހުން ޢަމަލުކުރާނެ އުސޫލެއްވެސް ކަނޑައަޅާފައެވެ. މާލެއަށް ރަށްރަށަށްދާ މީހުންވެސް 14ދުވަހު އައިސޮލޭޝަންގައި ދަނީ ބަހައްޓަމުންނެެވެ.