ފުޓުބޯޅަ

ޝީޝެލްސްގެ މައްޗަށް ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ކުރި ހޯދައިފި


މޮޅަށް ކުޅެ، ޝީޝެލްސްގެ މައްޗަށް ކުރި ހޯދާ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް
ކުރިއަށް ދިއުމުގެ ފުރުޞަތު ތަނަވަސްކޮށްފިއެވެ. ފުރަތަމަ މެޗުގައި މެޔޯޓް އަތުން
ތިނެއް އެކަކުން ބަލިވުމުން ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް،
މިރޭ ޝީޝެލްސްގެ މައްޗަށް ކުރި ހޯދީ ދެ ލަނޑު އެއް ލަނޑުންނެވެ.



މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ޝީޝެލްސްއިންނެވެ. ރާއްޖެއަށް މެޗުގެ
ނަތީޖާ ހަމަހަމަކޮށްދިނީ މުޙައްމަދު އުމެއިރުއެވެ. އުމެއިރު ލަނޑު ޖެހީ ޕެނަލްޓީ
އޭރިޔާ ތެރެއިން އަސްއަދު އަލީއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު
ޕެނަލްޓީއަކުންނެވެ. އޭގެފަހުންވެސް އަސްއަދު އަލިއަށް ޕެނަލްޓީއޭރިޔާ ތެރެއިން
ފައުލް ކުރުމުން ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް މިފަހަރު އުމެއިރުގެ ޕެނަލްޓީ
ޝީޝެލްސްގެ ކީޕަރ މަތަކުރިއެވެ.



ރާއްޖެއިން ދެވަނަ ލަނޑު ޖެހީވެސް އެވަގުތުކޮޅުގެ ތެރޭގައެވެ. ކުރި
ހޯދައިދިން ލަނޑު ޖެހީ އަހުމަދު އިމާޒުއެވެ. ފުރަތަމަ ހާފްގައި މިނަތީޖާގައި އޮވެ
ނިމުނު ނަމަވެސް އަދި މެޗުގެ ނަތީޖާއަށް އިތުރު ބަދަލެއް ނައި ނަމަވެސް ރާއްޖެއިން
ވަނި ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށް، ޝީޝެލްސްގެ ގޯލަށް ނުރައްކާކޮށްފައެވެ.



އަހުމަދު އިމާޒު މުޅިން ހުހަށް ހުރެ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން
ބޭރަށެވެ. އޭގެ ފަހުން ހަމްޒާ ފޮނުވާލި ބޮލުން ބޯޅަވެސް ގޯލާ އަމާޒެއް ނުވިއެވެ. އޭގެ
ކުޑައިރުކޮޅެއް ފަހުން ޑިފެންޑަރ އަމްދާން އަލީ ބޮލުން ފޮނުވާލި ބޯޅަވެސް ދިޔައީ
އަރިމަތިން ބޭރަށެވެ. ކެޕްޓަން އަކްރަމް އަބުދުލްޣަނީ ފޮނުވާލި ބޯޅަ ޝީޝެލްސްގެ
ކީޕަރު ކޯނަރަކަށް ބޭރުކޮށްލިއެވެ. އަސްއަދު އަލީ ފޮނުވާލި ބޯޅަވެސް ކީޕަރު
މަތަކުރިއިރު، އޭގެފަހުން އަކްރަމް ފޮނުވާލި ބޯޅަ ދިޔައީ އަރިމަތި ދަނޑި ކައިރިން
ބޭރަށެވެ. ސާޅީސް ތިންވަނަ މިނިޓްގައި  ބަދަލު
ކުޅުންތެރިޔާ އަލީ ފާސިރު ފޮނުވާލި ބާރު ބޯޅަވެސް މަތަކުރީ ކީޕަރެވެ.



މިނަތީޖާއާއެކު
ރާއްޖެއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ރާއްޖެ ދެން ވާދަކުރަން ޖެހޭނީ
މިއަދު ޕެނަލްޓީގައި މެޔޯޓް އަތުން މޮޅުވި މަޑަގަސްކަރައާއެވެ. ޝީޝެލްސްއަށް ބާކީ
އޮތީ މެޔޯޓްއާއި ކުޅެން ޖެހޭ މެޗެވެ. ފުރަތަމަ މެޗު ޝީޝެލްސްއަށް ލިބުނީ ވިސާގެ
މައްސަލައެއްގައި މަޑަގަސްކަރައަށް މެޗަށް ހާޟިރު ނުވެވުމުންނެވެ. އެހެންކަމުން
ޝީޝެލްސްއަށްވެސް ހަތަރު ޕޮއިންޓް ވަނީ ލިބިފައެވެ. މިމުބާރާތުގައި ޕެނަލްޓީއަށް
ނުގޮސް މޮޅުވެއްޖެނަމަ ހަތަރު ޕޮއިންޓް ލިބެއެވެ. ޕެނަލްޓީގައި ބަލިވި ނަމަވެސް
ޕޮއިންޓެއް ލިބެއެވެ. ޕެނަލްޓީގައި މޮޅުވާ ޓީމަށް ދެ ޕޮއިންޓް ލިބެއެވެ.