ކޯވިޑް-19 އާއި ގުޅިގެން އެހެން ބަލިތަކަށް ފަރުވާ ހޯދަން ބޭނުންވާ މީހުންނަށް ޚިދުމަތް މެދުކެނޑުނަ ނުދިނުމަށްޓަކައި އައިޖީއެމްއެޗުން އޮންލައިން ކްލިނިކް ތަކެއް ޤާއިމްކޮށްފިއެވެ.
ކޯވިޑް-19 އާއި ގުޅިގެން، މާލެ ސަރަޙައްދު ލޮކްޑައުން ކުރުމާއި ގުޅިގެން ޑޮކްޓަރަށް ދައްކަވަން ބޭނުންފުޅުވާ ބަލި މީހުންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތި ވަމުންދާކަމުގައި އައިޖީއެމްއެޗުންވެސް ފާހަގަކޮށްފައި ވެއެވެ. އެ ކަމަށް ޙައްލެއް ހޯދަދިނުމުގެ ގޮތުން، މާދަމައިން ފެށިގެން އެ ހޮސްޕިޓަލުގައި އޮންލައިން ކްލިނިކްތަކެއް ޤާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ކްލިނިކުން ދުވާލަކު ކޮންމެ ޑިޕާރޓްމަންޓަކުންވެސް 15-10 އާއި ދެމެދުގެ ޢަދަދެއްގެބަލިމީހުންނަށް ޚިދުމަތް ދެވޭނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
މި ކްލިނިކް މިހާރުވެސް އައިޖީއެމް ހޮސްޕިޓަލުގެ 2 ޑިޕާރޓްމަންޓަކުން ކުރިއަށް ގެންދޭއެވެ.
• އަންހެނުންގެ ބަލިތަކަށް ފަރުވާދޭ ޑިޕާރޓްމަންޓް (12:00 - 8:30)
• ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޑިޕާރޓްމަންޓް (12:00 - 10:00)
މީގެ އިތުރުން މި ކްލިނިކްތައް އަލަށް ފަށަން ހަމަޖެހިފައިވާ ޑިޕާރޓްމަންޓް ތަކަކީ:
• ނާރުގެ ބަލިތަކާބެހޭ ޑިޕާރޓްމަންޓް
• ހިތުގެ ބަލިތަކާބެހޭ ޑިޕާރޓްމަންޓް
• ޢާންމު އޮޕަރޭޝަންތަކާބެހޭ ޑިޕާރޓްމަންޓް
• ކެންސަރު ބަލިތަކާބެހޭ ޑިޕާރޓްމަންޓް
• އެތެރެހަށީގެ ބަލިތަކާބެހޭ ޑިޕާރޓްމަންޓް
• ފުއްޕާމޭގެ ބަލިތަކާބެހޭ ޑިޕާރޓްމަންޓް
• ކިޑްނީގެ ބަލިތަކާބެހޭ ޑިޕާރޓްމަންޓް
• ކުޑަކުދިންގެ ބަލިތަކާބެހޭ ޑިޕާރޓްމަންޓް
ކްލިނިކްތަކުން ޙިދުމަތް ދިނުމަށް ހަމެޖެހިފައިވަނީ :
• ހޯމަ ދުވަސް: 13:00 - 9:00
• ބުދަ ދުވަސް: 13:00 - 9:00
• ހޮނިހިރު ދުވަސް: 13:00 - 9:00
މި ކްލިނިކްތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ވީޑިއޯ ކޯލް ގެ ޒަރީޢާއިންނެވެ. މިގޮތުން ޑޮކްޓަރުންނަށް ދެއްކެވުމަށް ރިކުއެސްޓް ކޮށްފައިވާ ތަރުތީބުން، ހޮސްޕިޓަލުން ޕޭޝަންޓުންނަށް ގުޅަމުން ގެންދާނެކަމަށާއި، މި ކްލިނިކްތަކާ ބެހޭ މަޢުލޫމާތު ހޮސްޕިޓަލުގެ ހޮޓްލައިން 3335335 ށް ގުޅުމުން ސާފުކޮށްދެވޭނެކަމަށް އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވެއެވެ.