މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި 3 މީހުންނާ ސީދާ ދިމާވި މީހުންގެ ތެރެއިން ރިސްކުބޮޑު 82 މީހަކު މިހާރު ފާހަގަ ކުރެވިފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
އެސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް ޢަޒީޒް ވިދާޅުވީ މިހާތަނަށް މާލެއިން ޕޮޒިޓިވްވި 3 މީހުންނާ ސީދާ ދިމާވި ގިނަބަޔަކު ދެނެގަނެވިފައިވާކަމަށެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 2 މީހުންނާ ސީދާ ދިމާވި މީހުންގެ ތެރެއިން 75 މީހުން، ހައި ރިސްކް މީހުންގެ ގޮތުގައި ބެލެވޭކަމަށެވެ. އަދި މީޑިއަމް ރިސްކު މީހުންގެ ގޮތުގައި 43 މީހަކު ފާހަގަކުރެވިފައި ވާކަމަށާ، ލޯ ރިސްކު މީހުންގެގޮތުގައި 89 މީހަކު ފާހަގަ ކުރެވިފައިވާކަމަށެވެ.
މަބުރޫކް ވިދާޅުވީ އެންމެ ފަހުން މާލެއިން ޕޮޒިޓިވްވި މީހާއާ ސީދާ ދިމާވި މީހުންގެ ތެރެއިން ހައިރިސްކު މީހުންގެ ގޮތުގައި ފާހަގަވެފައިވަނީ 7 މީހެއްކަމަށެވެ. އަދި 28 މީހަކު މީޑިއަމް ރިސްކު މީހުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާކަމަށެވެ. މިމީހުންގެ ތެރެއިން ހައިރިސްކް މީހުންނާއި، މީޑިއަމް ރިސްކުގެ މީހުން ކަރަންޓީނުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާ، އަދި ބަލިޖެހުނު މީހުންނަށް މިހާރު ފަރުކޮޅު ފުށީގައި ފަރުވާދެމުންދާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާގިނަ ޢަދަދެއްގެ ބަޔަކު ބަލިޖެހިފައިވާ މީހުންނާ ސީދާ ދިމާވެފައިވާކަން ފާހަނގަކުރެވި މީހުން އެކަހެރިކުރެވެމުންދަނީ މިމީހުންގެ ފަރާތުން ފެނުނު ކަންތައްތަކަށް ބެލުމަށްފަހުކަމަށެވެ.
މިމީހުންގެ ތެރޭގައި މިޙާލަތުގައިވެސް ބައެއް އެއްވުންތައް ބާއްވައި އެކަންކަމުގައި ބައިވެރިވެފައިވާ މީހުން ހިމެނޭކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި މަސްދަތުރުތަކާއި ޕާޓީތަކާއި އެއްވެގެން ފިނިބުރުޖެހުންފަދަ ކަންކަމުގައި ބައިވެރިވި މީހުން ހިމެނޭކަން މަބްރޫކް ފާހަގަކުރެއްވިއެވެ.