ޚަބަރު

ދުވާފަރު މަގު ހެދުމުގެ މަސައްކަތުގެ 38 އިންސައްތަ ނިންމައިފި


ރ.ދުވާފަރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް މަގުތަކުގައި ތާރުއެޅުމަށް ކުރަމުންދާ މަސައްކަތުގެ 38 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ދުވާފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އެމްޓީސީސީން ވިދާޅުވީ ކަނޑައެޅިފައިވާ ތާރީޚަށް މަސައްކަތް ނިންމާލުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާކަމަށެވެ.

ދުވާފަރުގެ ބޮޑެތި ހުރިހާ މަގެއްގައި ތާރުއެޅުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ. ރ.ދުވާފަރުގެ މަގުތައް ހެދުމުގެ މަސައްކަތަކީ 28.2 މިލިއަން ރުފިޔާ ޚަރަދުވާ މަޝްރޫޢެކެވެ. މިމަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމަންޖެހޭކަމަށް އެގްރިމަންޓުގައިބުނެފައިވެއެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ހީނަރުކަމާއެކީގައިވެސް، ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރަން ރާއްވަވާފައިވާ އެއްވެސް މަޝްރޫޢެއް މަޑުޖައްސާލުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ.

ތަރައްޤީގެ މަޝްރޫޢުތަކަށް ގާތްގަނޑަކަށް ޕީ.އެސް.އައި.ޕީ ބަޖެޓުން 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެތެރެއިން ގިނަ މަޝްރޫޢުތަކަކީ ލައިން އޮފް ކްރެޑިޓް، އެލް.އޯ.ސީގެ ތެރެއިން ލޯން ހަމަޖެހިފައިވާ މަޝްރޫޢުތަކެވެ. އަދި ޕީ.އެސް.އައި.ޕީގެ އާއްމު ބަޖެޓުން ކުރުމަށް ނިންމާފައިވާ މަޝްރޫޢުތައްވެސް މަޑުޖެހުމެއްނެތި ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.