ޚަބަރު

އިހުގެ މުށީގެ ހިތްގައިމު މަސައްކަތްތައް, މިހާރު ސިމެންތީގައި


އިންސާނީ ހަޟާރާތްތަކުގައި ބޭނުން ކުރި އެންމެ ޒަމާންވީ ކަންވާރުގެ ބާވަތްތަކަކީ ކިސަޑުން އުފައްދާފައިވާ މުށީގެ ތަކެއްޗެވެ. ކެއްކުމާއި ކާބޯތަކެތި ރައްކާކުރުމާއި އުފުލުމަށް ބޭނުން ކުރީ މިފަދަ މުށީގެ ކަންވާރުތަކެވެ. އޭގެ ތެރޭގައި ޖާޑިއާއި ރުނބަޔާއި ފުފޭ އާއި ބަނޑިޔަލާއި މިފަދަ އެތައް ބާވަތެއްގެ ކަންވާރު ހިމެނެއެވެ.

ރުނބައަކީ އެންމެ އިހު ޒަމާނުގައި ތެކެތި އުފުލަން ބޭނުންކުރި އެންމެ މުހިންމު އެއް ކަންވާރެވެ. ޚާއްސަކޮށް ބޯފެން ރައްކާކުރުމަށް މިކަންވާރު ބޭނުންކުރިއެވެ. މުށިން ހަދާފައި ހުންނަ ރުނބައަކީ ހޫނު ގަދަވިއަސް ފެން ހޫނު ނުވެ، ފިނިކަން ހިފަހައްޓައިދޭ ކަންވާރެކެވެ. ކުރީ ޒަމާނަށް ބަލާނަމަ ކޮންމެ ގެއަކުވެސް ރުނބާ ހުރެއެވެ.

ފެން ރައްކާކުރުމުގެ އިތުރަށް ގޮވާމުގެ ބާވަތްތައް ރައްކާކުރަންވެސް ރުނބާ ބޭނުންކުރިއެވެ. މުށީގެ ކަންވާރުތަކަކީ، ކިސަޑުން އުފައްދާ ތަކެތި ކަމަށް ވުމާއި އެކު ރާއްޖޭގައި މީހުން ހިފާގެންގުޅޭ ތަކެއްޗާއި ކަންވާރުތައް އުފައްދަމުން އައީ ލަކުޑިންނެވެ.އަދި ރާއްޖެއަކީ އެމަސައްކަތް ކުރެވޭނެ ކިސަޑު ލިބެން ހުންނަ ޤައުމަކަށް ނުވާތީ، މުށިން ހަދާފައި ހުންނަ ކަންވާރު ރާއްޖެއަށް އެތެރެކޮށްފައި ވަނީ އިންޑިއާ އާއި ސްރީލަންކާ، ބަނގުލަދޭޝް އަދި ޗައިނާ އިންނެވެ.

މިހާރުވެސް ދުނިޔޭގެ ފަޤީރު ހިސާބުތަކުގައި މީހުން އާއްމުގޮތެއްގައި ގެވެހި ކަންވާރުގެ ގޮތުގައި ބޭނުން ކުރަނީ މުށީގެ ތަކެއްޗެވެ.

ތަރައްޤީވެފައިވާ ހިސާބުތަކުގައި ގެވެހިކަންވާރުގެ ގޮތުގައި، މުށީގެ ތަކެތި ބޭނުން ކުރުން ހުއްޓުނީ އެހެން މައުދަންތަކުން އުފައްދާ އުމުރު ދިގު ކަންވާރުތައް ބާޒާރުން ލިބެން ފެށުމުންނެވެ. އެހެންކަމުން ކިސަޑުން އުފައްދާ ކެއިންބުއިމަށް ބޭނުންކުރާ ޖޯޑާއި މަގާއި ބަތްކާތަށި ފިޔަވައި އެހެން ކަންވާރުތައް ތަރައްޤީވެފައިވާ ހިސާބުތަކުގައި ބޭނުންކުރުން ވަނީ މުޅިން ހުއްޓިފައެވެ.

ކިސަޑުން މުށީގެ ކަންވާރު އުފެއްދުމަކީ އިހުގެ ދިވެހީން ވަރަށްމަދުމަދުން ކޮށްއުޅުނު މަސައްކަތަކަށް ވިޔަސް މިޒަމާނަށް އައި އިރު އެކަން މުޅިން ގެއްލި ދިޔުމަށްފަހު ވަނީ އަލުން ދިރެން ފަށާފައެވެ. ރާއްޖެއިން ކިސަޑު ލިބެން ނެތްނަމަވެސް މިހާރު ލިބެން ހުރި ސިމެންތީގެ ބާވަތްތަކުން ގޭތެރެ އާއި ބަގީޗާތައް ޒީނަތްތެރިކުރުމަށް މިފަދަ ތަކެތި އުފައްދާ ފަރާތްތައް އަންނަނީ އިތުރުވަމުންނެވެ.

ލ.ފޮނަދުއަށް އުފަން އަބްދުއް ސައްތާރު(58 އަހަރު) ފާހަގަވަނީ މިފަދަ ކަންކަމަށް ޝަޢުޤު ހުންނަ މީހެއްގެ ގޮތުގައެވެ. ސައްތާރުއަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހެކެވެ. މުށިން އޭރު އުފެއްދި ތަކެތި، ސިމެންތިން އުފެއްދުމުގެ ޚިޔާލުއައީވެސް މި މަސައްކަތުގެ ތެރެއިންކަމަށް އޭނާ ބުނެއެވެ. ޕީއެސްއެމްއާއި ވާހަކަދައްކަމުން އަބްދުއްސައްތާރު ބުނީ އޭނާއަށް މިތަކެތި އުފެއްދުމުގެ ޙިޔާލުދިނީ އޭނާއާއިއެކު ސިމެންތީގެ މަސައްކަތްކުރާ އެކުވެރިއެއްކަމަށެވެ.

ސައްތާރު ސިމެންތި ބޭނުންކޮށްގެން ހަދާފައިވާ ތަކެތީގެ ތެރޭގައި އެންމެ ފާހަގަވަނީ ރުނބައެވެ. ރުންބާގެ އިތުރަށް މާވައްޓާއި ކުރީޒަމާނުގައި ހަނޑޫ ދޮވުމަށް ބޭނުންކުރި ޒާތުގެ ފުފޭ އޭނާ ހަދާފައިވެއެވެ. އަބްދުއްސައްތާރު މި މަސައްކަތް ކުރަން ފެށިތާ މިވީ މަހެއްހާ ދުވަސްކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް މިހާރުވެސް މީހުން މިކަމަށް ހުންނަ ޝައުޤާ ދޭ ހިތްވަރު ފާހަގަވެއެވެ.

ސައްތާރު މި މަސައްކަތްކުރަނީ މަސައްކަތް ނިންމައި ލިބޭ ހުސްވަގުތުތަކުގައެވެ. އޭނާ ބުނެފައިވަނީ މި މަސައްކަތް ކުރާތާ މަހެއްހާ ދުވަސް ވެފައިވާއިރު، ރުންބަޔާއި މާވަށި ހިމެނޭގޮތަށް 22 އެއްޗެއް އުފައްދާފައިވާކަމަށެވެ.

ސައްތާރު މި ތަކެތި އުފައްދާނީ އިހުގެ މުށިތަކެތި ނަމޫނާއަކަށް ބަލައިގެންނެވެ.

"އެންމެ އިހުގައި ފެންނަން ހުންނަ ގޮތަށް ރުނބާފަދަ ތަކެތި މިހަދަނީ. ދުވާލަކު ރުނބައެއް ހެދެނީ ވަގުތު ހުންނަ ގޮތުން." ސައްތާރު ބުނެފައިވެއެވެ.

އޭނާ ބުނީ މި މަސައްކަތް ކުރާއިރު އެންމެ ބޮޑު އެހީތެރިކަމެއް ލިބޭނީ އަނބިމީހާގެ ފަރާތުންކަމަށެވެ. ކޮންމެ އެއްޗެއް ހެދިއަށް މަސައްކަތްކުރަނީ ދެމީހުން އެކުގައިކަމަށް ސައްތާރު ބުންޏެވެ.

އަބްދުއް ސައްތާރު ބުނެފައިވަނީ މި މަސައްކަތްފެށީ އާމްދަނީއެއް ހޯދުމަށް ވިސްނައިގެން ނޫން ނަމަވެސް މިއީ އިޝްތިހާރު ކުރެވިއްޖެނަމަ އާމްދަނީ ހޯދިދާނެ މަސައްކަތެއްކަމަށެވެ.
އެގޮތުން މިހާރުވެސް މަދުން ނަމަވެސް ބައެއް ތަކެތި ވިކިފައިވާކަމަށެވެ. އެކި ސައިޒުތަކުގައި ރުނބާ ހަދާއިރު ރުނބާ ވިއްކަނީ 600އާއި 1000 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. އަދި މާވައްޓާއި އެހެނިހެން އެއްޗެހި ވިއްކަނީ 100އާއި 300 ރުފިޔާއާއި ދެމެދުއެވެ.
"އާމްދަނީއަކަށް ނޫން ފެށީ. ގޭގަ ހުންނަ ވަގުތު މަސައްކަތްކޮށްލަނީ. މިއީ ވިޔަފާރިއެއްގެ ގޮތަށްވެސް ކުރެވޭނި މަސައްކަތެއް. މި ދުވަސްވަރުވީމަ ކޮންމެވެސްވަރަކަށް މަސައްކަތް މަޑުޖައްސާލާފައި މިހުންނަނީ." ސައްތާރު ބުނެފައިވެއެވެ..

ސައްތާރު ބުނެފައިވަނީ ރަނގަޅަށް އިޝްތިހާރު ކުރެވިއްޖެނަމަ މިއީ ރަނގަޅު އާމްދަނީއެއް ހޯދިދާނެ މަސައްކަތެއްކަމަށެވެ. އާއިލާގެ ބައެއް މީހުންގެ އެހީތެރިކަމާއިއެކު ސައްތާރުދަނީ އޭނާގެ އުފެއްދުންތައް ފޭސްބުކްގައި އިޝްތިހާރުކުރަމުންނެވެ.

ސިމެންތީގެ މިފަދަ މަސައްކަތައް ކުރާ ފަރާތްތައް ރައްޖޭގައި މަޑުމަޑުން އަންނަނީ އިތުރުވަމުންނެވެ. މިގޮތުން ސިމެންތިން ގަސްއިންދާ ޕޮޓުހަދައި ވިއްކަމުން އަންނަ ފަރާތްތައްވެސް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައި ވެއެވެ.

މިހާރުވެސް ބައެއް ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގައި ރާއްޖޭގެ އިހުގެ ގޮތްތައް ދައްކުވައި ދިނުމަށް ރުނބާފަދަ ތަކެއްޗާއި ގަސްއިންދާ ޕޮޓު ބޭނުންކުރަމުން އާދެއެވެ. އާއްމުކޮށް މިފަދަ ތަންތަނުގައި ރުނބާ ބޭނުންކުރަނީ ފައިގައި ހުންނަ ވެލިކޮޅު ދޮވެލަން، ފެން އަޅާފައި ބަހައްޓާއި އެއްޗެއްގެ ގޮތުގައެވެ. ނެތިގެން އުވިގެންދާ ކަންކަން އާލާކުރުމަކީ ރާއްޖެއަށް މުހިންމުވެފައިވާ ކަމެކެވެ.