ޚަބަރު

ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ލޯނު އަދާކުރަން ލުއިތަކެއް ދޭންޖެހޭ - އިމްރާން ޚާން


ކޯވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިކަމަށް ޙައްލެއް ހޯދުމަށް ދަރަނި ޢަދާކުރުމުގައި ލުއި ދިނުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ގޮވާލައްވައިފިއެވެ.

ޕާކިސްތަނުގައި މިހާތަނަށް 5000 އަށް ވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދުވަނީ 90 އަށްވުރެ އިތުރުވެފައެވެ. ބަލިމަޑުކަން ފެތުރެން ފެށުމުގެ ކުރިންވެސް ޕާކިސްތާނުގެ އިޤްތިޞާދު އޮތީ ނާޒުކު ފައްތަރެއްގައެވެ. އަދި ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް އެޤައުމުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ހީނަރުވެފައިވާ އިޤްތިޞާދަށް ދަނީ އިތުރު ނޭދެވޭ އަސަރުތައް ކުރަމުންނެވެ.

ވީޑިއޯ މެދުވެރިކޮށް ބޮޑުވަޒީރު އިމްރާން ޚާން ދެއްވި ހިޠާބެއްގައި ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ފުރަބަންދުކޮށްފައިވާ ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކުގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުން މަރުވުން އެކަށީގެންވާކަމަށެވެ. 220 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގެ ރައްޔިތުންނަށް މިވަގުތު އެހީތެރިވުމަށް ސަރުކާރަށް ޚަރަދުކުރެވޭނީ ގިނަވެގެން 8 ބިލިއަން އެމެރިކާ ޑޮލަރުކަމަށް ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވިއެވެ. ބޮޑެތި ދަރަނިތައް ޢަދާކުރަމުންދާ ޤައުމުތަކަށް ޞިއްޙީ އަދި އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދޭން ބޮޑެތި ޢަދަދުތައް ހޭދަކުރަން ނުކުޅެދިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޕާކިސްތާނަކީ ދުނިޔޭގެ އެކި ޤައުމުތަކާއި މާލީ އިދާރާތަކަށް 100 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ޢަދަދަކުން ދަރާފައިވާ ޤައުމެކެވެ. އެޤައުމުގެ އަހަރީ ބަޖެޓުގެ ބޮޑު ބައެއް ހޭދަކުރަނީ ނަގާފައިވާ ލޯނުތައް އަނބުރާ ޢަދާކުރުމަށެވެ. ބޮޑުވަޒީރު އިމްރާން ޚާންވަނީ ދުނިޔޭގެ ލީޑަރުންނާއި ބައިނަލް އަޤްވާމީ މާލީީ އިދާރާތަކާއި އދ ގެ ސެކެޓްރީ ޖެނެރަލް މަޝްވަރާކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކުން ލޯނު ޢަދާކުރުމުގައި ލުއި ތަކެއް ހޯދައިދިނުމަށް އެދިލައްވާފައެވެ.

ޕާކިސްތާނުގައި ފުރަބަންދު އިޢުލާނުކުރުމުގެ ސަބަބުުން ގިނަ ޢަދަދެއްގެ މީހުންގެ ވަޒީފާ ގެއްލި، އެތައް މިލިއަން އާއިލާއެއްވަނީ ހާލުގައި ޖެހިފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި ޕާކިސްތާނުގެ ސަރުކާރުންވަނީ ހާލުގައި ޖެހިފައިވާ 12 މިލިއަން އާއިލާއަކަށް އެހީތެރިވުމަށް 900 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އަދި ކޯވިޑް-19 ގެ ސަބަބުން ލިބޭ ގެއްލުންތައް ފޫބެއްދުމަށް ދުނިޔޭގެ މާލީ އިދާރާ އައިއެމްއެފުން އެޤައުމަށް 1.4 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދޭންވަނީ ހަމަޖެހިފައެވެ.