ވިޔަފާރި

ޓީޓީއެމް ފެއަރ ސެޕްޓެމްބަރުމަހު ބާއްވަނީ


އޯރކާ މީޑިއާ ގްރޫޕުން ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ ޓްރެވެލް ޓްރޭޑް މޯލްޑިވްސް، ޓީޓީއެމް ފެއަރ ސެޕްޓެމްބަރުމަހު ބޭއްވުމަށް ނިންމައިފިއެވެ.

އޭޕްރިލްމަހު ބޭއްވުމަށް ކުރިން ނިންމާފައި އޮތް ރޭވިފައިވާ މިފެއަރ ފަސްކޮށްފައިވަނީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19އާ ގުޅިގެނެވެ. އަދި މިހާރު މި ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހުގެ 12 އިން 14އަށް ކަމަށް އޯރކާ މީޑިއާ ގްރޫޕުން ބުނެއެވެ.

އޯރކާ މީޑިއާއިން ބުނީ ޓީޓީއެމް ފެއަރ ލަސްކުރީ ފެއަރގައި ބައިވެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުގެ އެދުމުގެ މަތިންކަމަށެވެ.

ޓީޓީއެމް ފެއަރއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޓްރެވަލް ޓްރޭޑް ޝޯއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދަށްވެސް ބޮޑު ކުރިއެރުންތަކެއް ކޮންމެ އަހަރަކުވެސް ގެނުވާ ފެއަރއެކެވެ.

އޯރކާ އިން ބުނީ މިއަހަރު މިއީ ޓީޓީއެމް ފެއަރ ބާއްވާތާ 4 ވަނަ ފަހަރުކަމަށްވާއިރު، ފެއަރގައި 30 ޤައުމަކުން 100 އަށްވުރެ ގިނަ ޓުއަރިސްޓް ރިޒޯޓުން ބައިވެރިވާނެއެވެ. މީގެއިތުރުން ސިޓީ ހޮޓާތަކާއި 200 އަށްވުރެ ގިނަ ޓުއަރ އޮޕަރޭޓަރުންވެސް ފެއަރގައި ބައިވެރިވުމަށް ރެޖިސްޓަރ ކޮށްފައިވާކަމަށް އޯރކާ މީޑިއާއިން ބުނެއެވެ. ނަމަވެސް އިވެންޓް ފަސްކޮށްފައިވާތީ މިއިވެންޓުގައި ބައިވެރިވުމުގެ ސުންގަނޑިވެސް އޯރކާއިން ވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ފަސްކޮށްފައެވެ.

ގިނަ ރިސޯޓްތަކާއި ހޮޓެލްތަކުގެ ޖެނެރަލް މެނޭޖަރުން ބައިވެރިވާ މި އެކްސްޕޯގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާނެގޮތްތަކާއި ބެހޭގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންޑަސްޓްރީ ބޭފުޅުން މަޝްވަރާކުރެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުގައި ބާއްވާ ބޮޑެތި ހުރިހާ ހަރަކާތްތަކެއްހެން ވަނީ ފަސްކޮށްފައެވެ. މިގޮތުން ޓްރޭޑް ފެއަރތަކާއި، އެގްޒިބިޝަންތަކާއި ކުޅިވަރުގެ ހަރަކާތްތައްވެސް ހިމެނެއެވެ.