ކޯވިޑް-19އާއެކު އިޤްތިޞާދީގޮތުން ރާއްޖަށް ކުރިމަތިވާ ގެއްލުމާއި ހީނަރުކަން ފޫބައްދައި ޢާއްމު ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިކަމުގައި އެކި ކައުންސިލުތަކުންވެސް އަންނަނީ ތަފާތު ނަމޫނާ ދައްކަމުންނެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް ކައުންސިލަކީ ރ.ކިނޮޅަހު ކައުންސިލެވެ.
ރ.ކިނޮޅަކީ އާބާދީގައި ގާތްގަނޑަކަށް 500 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. ޢާމްދަނީ ހޯދުމަށް ރަށުގެ ގިނަ މީހުން ކުރާ މަސައްކަތަކީ ބޮޑު ކަންނެލީގެ މަސްވެރިކަމާއި ކައިރި ރިސޯޓުތަކުގައި ވަޒީފާ އަދާކުރުމެވެ. އެހެންނަމަވެސް ކޯވިޑް-19އާއެކު ޢާމްދަނީ ހޯދުމަށް ރަށުގެ ގިނަ ބަޔަކު ކުރަމުންއައި މި މަސައްކަތްތައް މިވަގުތުވަނީ ހުއްޓުމަކަށް އައިސްފައެވެ. މިއާއެކު ޢާއްމު ރައްޔިތުންނަށް މާލީގޮތުން ލުޔެއް ހޯދައިދިނުމަށް ކިނޮޅަހު ކައުންސިލުން މިވަނީ މުހިއްމު ނިންމުންތަކެއް ނިންމަވާފައެވެ.
މި ނިންމެވުންތަކާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކިނޮޅަހު ކައުންސިލުގެ ރައީސް އަޙްމަދު ޙުސައިން ވިދާޅުވީ މިދަނޑިވަޅުގައި ކޯވިޑް-19ގެ ސަބަބުން ރައްކާތެރިކަމުގެގޮތުން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން ދެއްވާ އިރުޝާދުތައް ތަންފީޒުކުރުމާއި މާލީގޮތުން ދެވޭނެ ލުއިފަސޭހަތަކަކީ ކޮބާތޯ ބަލަމުންދާކަމަށެވެ. އަދި މިކަންކަމަށް ފައިސާ ޚަރަދު ކުރަން ނިންމާފައިވަނީ ކައުންސިލުގެ ބަޖެޓުންނާއި، އެހެނިހެން ގޮތްގޮތުން ލިބިފައިވާ ފަންޑުންކަމަށް ކިނޮޅަހު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
އަޙްމަދު ޙުސެއިން ވިދާޅުވީ، އެ ރަށަކީ ބިމުގެގޮތުން ތަނަވަސް ރަށަކަށްވެފައި މިދަނޑިވަޅުގައި އާމްދަނީ ހޯދުމަށް ގިނަ ބަޔަކު ކުރަމުންދިޔަ މަސައްކަތްތައް ހުއްޓިފައި އޮތުމުން، ދަނޑުވެރިކަން ފަދަ ރަށުގައި ތިބެގެން ކުރެވިދާނެ މަސައްކަތްތައް ކުރުމަށް ބާރު އެޅުމުގެ ގޮތުން ކޮންމެ ގޭބިސީއަކަސްވެސް ދަނޑުވެރިކަމަށް ބިން ދޫކުރަން މިހާރު ހުޅުވާލާފައިވާކަމަށެވެ.
"އަޅުގަނޑުމެންގެ ލޭންޑް ޔޫސް ޕްލޭންގައިވެސް ހިމަނާފައިވާނެ ދަނޑުވެރިކަމަށް ފުދޭވަރަކަށް ބޮޑު ޒޯނެއް. މިދަނޑިވަޅުގައި ބާރު އަޅަނީ ބިންބިއާއި، ޒުވާރީއާއި ދޮޅަނަފަދަ ގޮވާމުގެ ބާވަތްތައް ހެއްދުމަށް. މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ނަންނޯޓުކުރަން މިހާރު ހުޅުވާލާފައިވާނެ. މި ބަލަނީ އެކަމަށް އެދޭ ކިންމެ ގޭބިސީއަކަށްވެސް އެންމެ މަދުވެގެން 5000 އަކަފޫޓުގެ ބިމެއް ދޫކުރެވޭނެކަމަށް" އަޙްމަދު ޙުސެއިން ވިދާޅުވިއެވެ.
ކުރިއަށްއޮތީ ރަމަޟާންމަސްކަމުން، ރަމަޟާން މަހަށް ޚާއްސަކޮށްގެންވެސް ރަށުގެ ކޮންމެ ގޭބިސީއަކަށް އެހީވުމަށް ކިނޮޅަހު ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން މީގެ ކުރިން ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު ހިފްޒުކޮށް ތަރާވީސްކުރުމަށް ރާއްޖޭން ބޭރުން އިމާމުން ގެނައުމާއި ޤްރުޢާން ކުލާހުގެ ފީ މަޢާފުކޮށްދިނުމުގެ އިތުރުން މިއަހަރު އެހެނިހެން އެހީތައްވެސް ދޭން ކައުންސިލުން ވަނީ ނިންމާފައެވެ.
ކިނޮޅަހު ކައުންސިލުން މަޢުލޫމާތު ދިންގޮތުގައި މިވަގުތު އެ ކައުންސިލްގެ ހުރިހާ މަސައްކަތްތަކެއްވެސް އަމާޒުކޮށްފައިވަނީ ކޯވިޑް-19އާ ގުޅިގެން އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރާ މަސައްކަތުގައި އެއްބާރުލުންދީ އެކަމުގައި ބައިވެރިވުމަށްކަމަށެވެ.
އެގޮތުން މި ދަނޑިވަޅުގައި ޢާއްމު ސާފުތާހިރުކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، ކޯވިޑް-19އާ ގުޅޭގޮތުން އާއްމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާކަން އެރަށު ކައުންސިލުން ފާހަގަކޮށްފައިވެއެވެ.