ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19އާ ގުޅިގެން މުޅި ދުނިޔެއަށް މިދަނީ ބޮޑެތި ބަދަލުތަކެއް ކުރިމަތިވަމުންނެވެ. ދުނިޔޭގެ އެންމެ ފުދުންތެރި ޤައުމުތަކާއި މެދުފަންތީގެ ޤައުމުތަކަށްވެސް ބޮޑެތި ގެއްލުންތަކެއްދަނީ ކުރިމަތިވަމުންނެވެ.
މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެކި ޤައުމުތަކުންދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ރާއްޖޭގައިވެސްވަނީ މި ޙާލަތުން އަރައިގަތުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ކޯވިޑް-19އާ ގުޅިގެން އެންމެބޮޑު ނިކަމެތިކަމެއް ކުރިމަތިވާނީ ކުދި ޤައުމުތަކަށެވެ. ވަކިން ޚާއްސަކޮށް ފުންދުންތެރިކަމާއި ވަޞީލަތްތައް މަދު ޤައުމުތަކަށެވެ. ދުނިޔޭގެ ނިސްބަތުންވެސް މިނިކަމެތިކަން އެންމެބޮޑަށް ކުރާނޭ އެއްޤައުމަކީ ރާއްޖެއެވެ. އާބާދީގައި ހަތަރު ލައްކައެއްހައި ރައްޔިތުން ދިރިއުޅޭ މިރާއްޖެ ބަރޯސާވެފައިވަނީ އަވަށްޓެރި ޤައުތަކާއި ބޮޑެތި ޤައުމުތަކުން އުފައްދާ ތަކެއްޗަށެވެ. ކާބޯތަކެއްޗާއި އަންނައުނާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި ތެލާއި މިނޫންވެސް ތަކެއްޗަކީ ބޭރުން އެތެރެކުރާ ތަކެއްޗެވެ.
ރާއްޖޭގެ އިޤްތިޞާދުގެ ބޮޑު އިންސައްތައެއް ބަރޯސާވެފައިވަނީ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ މައްޗަށެވެ. ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ޞިއްޙީ ކާރިޘާއާއެކު ރާއްޖެވެސް މިވަނީ ގާތްގަނދަކަށް ހުއްޓުމަކަށް އައިސްފައެވެ. ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެވެސް މިވަނީ ފުރަބަންދުގައެވެ.
މިޙާލަތުން އަރައިގަތުމަށާ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދުމުގެގޮތުން ކޮންމެ ޤައުމަކުންސް ދަނީ އެކިމަސައްކަތްތައް ކުރަމުންނެވެ.
ކޯވިޑް-19ގެ މަލިމަޑުކަމާއެކު ރާއްޖޭގެ އެތެރެއާއި ބޭރުގެ ޢާމްދަނީ ދައުރުވާ މަގުތައް މިވަނީ ބަންދުވެ ހުއްޓުމަށް އައިސްފައެވެ. މިޙާލަތުގައިވެސް ރައްޔިތުންނަށްޓަކައި ސަރުކާރުން މިވަނީ މުހިންމު ނިންމެވުންތަކެއް ނިންމާފައެވެ.
ބޭންކުތަކުން ޢާންމު ރައްޔިތުން ނަގާފައިވާ ހުރިހާ ލޯނުތަކެއް ދެއްކުން މިވަނީ 6 މަސްދުވަހަށް ފަސްކޮށްދެއްވާފައެވެ. ލޯނުތައް އަނބުރައި ދައްކާއިރު އެއްވެސް އިންޓަރެސްޓެއްވެސް އިތުރަކަށް ނާރާނެއެވެ. އަދި ބޭންކުތަކުން ދަނީ ވިޔާފާރި ކުރާ ފަރާތްތަކަށާއި ޢާންމު ރައްޔިތުންނަށް ޚާއްސަ އުސޫލަކުން އިތުރު ލޯނު ދޫކުރުމަށްވެސް ތައްޔާރުވެފައެވެ.
ސަރުކާރުން އެކުލަވާލާފައިވާ އިޤްތިޞާދީ ޕެކޭޖުގައި ހިމެނޭ ލޯނުތަކުގައިވެސް އަދި އަމިއްލަ ކުންފުނިތަކަށް ދޫކުރާ ލޯނުތައް ދިނުމުގައި ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ޢާއްމު ރައްޔިތުންނަށް ލެބެމުންދާ ގެއްލުން ކުޑަކުރުމެވެ. އަމިއްލަ ވިޔަފާރިތަކަށް ދޫކުރާ ޕެކޭޖުތަކުގެ ޝަރުޠަކަށް އެފަރާތްތަކުން ވަޒީފާ ދީފައިވާ ދިވެހި ރައްޔިތުން ވަޒީފާތަކުން ވަކިނުކުރުން ހިމެނެއެވެ.
ކަރަންޓު ބިލާއި ފެންބިލުން ބޮޑު އިންސައްތައެއް މިވަނީ ކުޑަކޮށްދެއްވާފައެވެ. މިހާތަނަށްވެސް ހިލޭ ހޯދަމުންދިޔަ ޞިއްޙީ ޚިދުމަތް އިހަށްވުރެ ލުއިފަސޭކަކޮށް ލިބޭނެ އިންތިޒާމު މިވަނީ ހަމަޖައްސަވާފައެވެ.
މިޙާލަތުން އަރައިގަތުމަށް ދުނިޔޭގެ ޤައުމުތަކުން ކުރަމުންދާ މަސައްކަތާއެކުވެސް އެތައްބަޔަކު ޙާލުގައިޖެހި ގޮސް ހުސްވަމުންދާ މަންޒަރު ދުނިޔެއިންދަނީ ފެންނަމުންނެވެ.
މިފަދަ ހިތްދަތި ޙާލަތެއްގައި ދިވެހި ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަށް ހަޤީޤަތުގައިވެސް ޝުކުރު ހައްޤެވެ. ރާއްޖޭގެ ސިވިލްސާވިސްގެ އެއްވެސް މުވައްޒިފެއްގެ ވަޒީފާއެއް ނުގެއްލެއެވެ. މުސާރައިން ކުޑަ މިންވަރެއްވެސް އުންޏެއް ނުވެއެވެ.
މިޙާލަތުން އަރައިގަތުމުގައި ދުނިޔޭގެ އެންމެ ފުދުންތެރި ޤައުމުތައްވެސް ގޮތްހުސްވެ ހުއްޓުން އަރާފައިވާ މިދަނޑިވޅުގައި ރާއްޖެއިން ފެނިގެން މިދަނީ އާދަޔާ ޚިލާފު މަންޒަރެކޭ ދެންނެވިދާނެއެވެ. މިކަންކަމަށް ޝުކުރުވެރިވާނަމަ ރައްޔިތުންނަށް އޮތީ ސަރުކާރުން މިޙާލަތުގައި އަޅުއްވާ ފިޔަވަޅުތަކަށް ބޯލަނބައި ކިޔަމަންވުމެވެ.