ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ދެވަނަ ދިވެހި މީހާއާ ސީދާ ދިމާވި 48 މީހަކު އައިސޮލޭޓު ކޮށްފައިވާކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް ޢަޒީޒް ވިދާޅުވީ ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ދެވަނަ މީހާއާއި ސީދާ ކޮންޓެކްޓްވި 48 މީހަކު ދެނެގަނެވިފައިވާކަމަށެވެ. މީގެ ތެރެއިން ގިނަ މީހުން ހޯމް އައިސޮލޭޝަނަގައި ބައިތިއްބާފައިވާއިރު ބައެއް މީހުން ސަރުކާރުން ތައްޔާރުކޮށްފައިވާ އައިސޮލޭޝަން ސެންޓަރުކަމަށް ގެންދެވިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
ގޭގައި އަދި ސަރުކާރުން ތައްޔާރުކޮށްފައިވާ އައިސޮލޭޝަންގައި ތިބި މީހުންގެ ކަންކަން އެޗްޕީއޭއިން ވަރަށްގާތުން ބަލަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވްވި ދެވަނަ މީހާ ކަރަންޓީނަށް ގެންދެވުނުއިރު އޭނާއާއި އެއް ކޮޓަރިއެއްގައިހުރި މީހާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިއަދު ހަވީރު އޭނާގެ ޓެސްޓް ކޮށްފައިވާކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.
ދެވަނަ ދިވެއްސެއްގެ ގޮތުގައި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީވެސް އިގިރޭސިވިލާތުން ރާއްޖެއަށް އެނބުރި އައި ދިވެއްސެކެވެ. މިމީހާ ޕޮޒިޓިވްވިކަން އެގުނުއިރުވެސް ހުރީ ރޯޔަލް އައިލެންޑް ރިސޯޓްގައި ޤާއިމްކޮށްފައިވާ ކަރަންޓިން ފެސިލިޓީގައެވެ.
ރައްޖޭގައި ކޯވިޑް-19އަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖޭގައި ފަރުވާދިން 13 މީހަކުވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު ބައްޔަށް ފަރުވާ ހޯދަމުންދަނީ ދިވެހި ދެމީހުންނަށްކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.