ސްޕެއިންގައި ކޯވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފިއެވެ.
ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު ދެވަނައަށް އެންމެ ބޮޑަށް ކޮށްފައިވަނީ ސްޕެއިނަށެވެ. އެޤައުމުގައި މިހާތަނަށް 73،000އަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވެއެވެ. އަދި މަރުވި މީހުންގެ ޢަދަދުވަނީ 6،000އާ ގާތްކޮށްފައެވެ.
ވައިރަސް ފެތުރުން ހުއްޓުވުމަށް މީގެ ކުރިން ސްޕެއިނުންވަނީ އެޤައުމު ބަންދުކޮށްފައެވެ. އަލަށް އަޅާ ފިޔަވަވަޅުތަކުގެ ދަށުން ކޮންމެހެން ފޯރުކޮށްދޭންޖެހޭ އާންމު ޚިދުމަތްތައް ފޯރުކޮށްދޭ މަސައްކަތްތެރިން ފިޔަވާ އެހެން މީހުން ދެހަފުތާގެ މުއްދަތަށް މަސައްކަތަށް ނުކުތުން މަނާކުރާނެއެވެ.
އޭގެ ސަބަބުން ސްޕެއިންގައި ވައިރަސް ފެތުރޭ މިންވަރު ވަރަށް ބޮޑަށް ދަށްކުރެވޭނެކަމަށް އެޤައުމުގެ ބޮޑުވަޒީރު ޕެދްރޯ ސަންޗެޒް ވިދާޅުވިއެވެ. ޤައުމާ މުޚާތަބުކުރައްވާ ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ސަންޗެޒް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވައިރަސް ފެތުރުން ހުއްޓުވުމަށް ސްޕެއިންގެ ހުރިހާ ރައްޔިތުން މަސައްކަތްކުރާނެކަމަށް އުންމީދުކުރައްވާކަމަށެވެ. މަސައްކަތްތެރިން ވަޒީފާއަށް ނުނިކުތަސް އެމީހުންނަށް ލިބެންޖެހޭ އުޖޫރަ ހަމައަށް ލިބޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މަސައްކަތް ނުކުރެވުނު މުއްދަތު ފަހުން ހަމަކުރަންވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ސަންޗޭޒްވަނީ ކޯވިޑް-19އާ ދެކޮޅަށް ހުރިހާ ޤައުމެއްވެސް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި ވައިރަހުގެ ސަބަބުން ކުރިމަތިވަމުންދާ އިޤްތިޞާދީ އަދި އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ހުރިހާ ޤައުމެއް އެކުގައި މަސައްކަތްކުރުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ. އޭގެ އިތުރުން ވައިރަހުގެ ސަބަބުން ކުރިމަތިވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް ވިލާތުގެ އިއްތިޙާދުން މާލީ ބޮންޑުތަކެއް ދޫކުރުމަށްވެސް އޭނާ ގޮވާލެއްވިއެވެ.