ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށް ނުދީ، ކޮވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރި އިޓަލީގެ ޓޫރިސްޓަކު ޤައުމަށް ފުރުވާލި މައްސަލައިގައި ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރު ރާއްޖެއިން ފުރައިގެން ނުދެވޭގޮތަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުންކަމަށް މަޢުލޫމާތުލިބެއެވެ. ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ވާކަމަށް މަޢުލޫމާތު ލިބިފައިވަނީ ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ފެނިފައިވަނިކޮށް އެކަން އަންގަންޖެހޭ ފަރާތްތަކަށް ނާންގައި ފިޔަވަޅުތައް ނާޅައި ފަރުވާކުޑަކުރިކަމުގެ ތުހުމަތު ޑޮކްޓަރުގެމައްޗަށް ކުރެވޭ ކަމަށެވެ.
ޑޮކްޓަރަށް ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ މިއަދުއެވެ. ކުރެއްދޫ ރިސޯޓަކީ ރާއްޖެއިން އެންމެފުރަތަމަ ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވެފައިވާ ރިސޯޓެވެ. މިހާތަނަށް މިރިސޯޓުން 5 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވެއެވެ.
ކުރެއްދޫއިން އެންމެފުރަތަމަ ކޯވިޑް-19އަށް ޕޮޒިޓިވްވި މީހާ ޕޮޒިޓިވްވިކަން އެގިފައިވަނީ އޭނާ ޗުއްޓީ ނިންމާލުމަށްފަހު އެބުރު ގައުމަށް ދިޔަފަހުންނެވެ. އޭނާ ރާއްޖޭގައި ހުރިއިރުވެސް ޝައްކުކުރެވޭ ޢަލާމާތްތައް ހުރެގެން 3 ފަހަރެއްގެ މަތީން ވަނީ ކުރެއްދޫގެ ޑޮކްޓަރުގެ އެހީތެރިކަން ހޯދާފައެވެ. އެހެންނަމަވެސް ޑޮކްޓަރު އޭނާގެ މައުލޫމާތު އެޗްޕީއޭއާ ޙިއްސާކޮށްފައިނުވާކަމަށް މިމައްސަލަ ބަލަމުންދާ ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
ފުލުހުން ވިދާޅުވެފައިވަނީ ޑޮކްޓަރު އޮޅުންފިލުވާފައިވަނީ ކޯވިޑް-19އާ ގުޅިގެން ސަރުކާރުން އަމަލުކުރާ އުސޫލުތަކަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯއާއި، ޚާއްސަ އުސޫލަކުން ބަލަންޖެހޭ ޤައުމުތަކުގެ ލިސްޓަށް ބަދަލެއް އައިސްފައިވޭތޯކަމަށެވެ.
ފުލުހުން ވިދާޅުވެފައިވާގޮތުގައި މިފަތުރުވެރިޔާވަނީ ފެބްރުއަރީ މަހުގެ 28އާއި 29ގައިވެސް ރިސޯޓްގެ ޑޮކްޓަރު ބަލާފައެވެ. އެދެދުވަހު އޭނާގެ ހާލު ރަނގަޅުކަަމަށް ޑޮކްޓަރު ބެލިބެލުމުން އެގިފައިވެއެވެ. އޭނާ ރާއްޖެއިން ފުރުމަށް އެއާރޕޯޓަށް ގޮސްފައިވަނީ އާރޗް މަހުގެ 1ވަނަ ދުވަހުއެވެ. އެދުވަހުވެސް އޭނާ އެއަރޕޯޓުގެ ތެރެއަށް އަނބުރައިގަނެގެން ވެއްޓުމުން އެއާޕޯޓުން އޭނާގެ ހާލަތުބެލުމަށްފަހު އެދުވަހު އޭނާ ފުރަން ފުލައިޓަށް އަރުވުމަށް ފްލައިޓްގެ ކެޕްޓަންވަނީ ދެކޮޅުހަދާފައެވެ.
އޭނާއަށް ފުރޭނެ ގޮތް ނުވުމުން މާލެ އައިސް މާގިރި ހޮޓެލްގައި ހުރުމަށްފަހު ޖެހިގެން އައި ދުވަހު އޭނާވަނީ ފުރައިގެން ގޮސްފައިކަމަށް ފުލުހުން ވަނީ ވިދާޅުވެފަ. އޭނާ ކޯވިޑް ޖެހިފައިވާކަން އަންގާފައިވަނީ އަމިއްލައަށް ގުޅާފައިކަމަށް. ފަތުރުވެރިޔާ ފުރައިގެން ދިޔަފަހުންވެސް އޭނާހުރި ރިސޯޓުންވަނީ އޭނާއަށް ގުޅައި މައުލޫމާތު ހޯދާފަކަމަށް ފުލުހުން ވިދާޅުވެއެވެ.