ކޯވިޑް-19

ކޯވިޑް-19 : ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި 272 މިލިއަން ޑޮލަރު އެބަހުރި - މަބްރޫކް


ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި 272 މިލިއަން ޑޮލަރު މިވަގުތު އެބަހުރިކަމަށް ކޯވިޑް-19 އާއި ގުޅޭ މަޢުލޫމާތުދެއްވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މި ފަންޑާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން މަބްރޫކް ވިދާޅުވީ، ސޮވެރިން ފަންޑަށް ފައިސާ ވަންނަ މައިގަނޑުގޮތަކީ އެމް.އޭ.ސީ.އެލް މެދުވެރިކޮށް އެއަރޕޯޓް އަރައިވަލްގެ ގޮތުގައި ނެގޭ ޑޮލަރުންކަމަށެވެ. އަދި މި ފަންޑަށް ލެވޭ ފައިސާއަކީ އިންވެސްޓްކޮށްގެން އެއަށް އިތުރަށް ފައިސާ ލެވޭގޮތަށް ހެދިފައިވާ ފަންޑެއްކަމަށާއި، ފަންޑު އެކުލަވާލާފައިވާ އުސޫލަށް ސަރުކާރުން އަދި ބަދަލެއް ގެނެސްފައިނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މިހާރު އޮތްގޮތުން މި ފަންޑުން ފައިސާ ނެގޭނީ ފިނޭންސް މިނިސްޓްރީއާއި އެމް.އެމް.އޭގެ އޮފިޝަލުން ހިމެނޭ ބޯޑަކުން އެޕްރޫވްކޮށްގެންކަމަށެވެ. ނަމަވެސް ޤާނޫނީ ހަމަތަކެއް ގެނައުމުގެ ގޮތުން މިކަމާގުޅޭ ޤާނޫނެއް މަޖިލީހަށް ފޮނުވުމަށް ސަރުކާރުން ނިންމާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މީގައި ކުރެވުނު ސުވާލެެއް ޓޫ ކީ ސްޓްރަކްޗަރއެއްގައި ކުރިން އޮންނަނީ. މިހާރު އެއަށް ބަދަލުތަކެއް ގެނައިތޯ. އަސްލު ހަޤީޤަތުގައި އެއްވެސް އިރެއްގައި ޓޫ ކީ ސްޓްރަކްޗަރއެއް މިއަކު ހެދިފައެއްނޯވޭ. މި ސަރުކާރުން މިހާރު ނިންމާފައި އޮތީ ޤާނޫނީ ހަމަތަކެއް ނިންމުމަށްޓަކާ ޤާނޫނެއް އެކުލަވާލާފައި މަޖިލީހަށް ފޮނުވުމަށް. މިހާރު އޮތްގޮތް ބަދަލުކުރަން. މިހާރު އޮންނަގޮތަކީ ފިނޭންސް މިނިސްޓްރީއާއި އެމް.އެމް.އޭގެ އޮފިޝަލުން ހިމެނޭ ބޯޑަކުން އެޕްރޫވްކޮށްގެން އޭގައި ހުންނަ ފައިސާ ބޭނުންކުރެވޭ ގޮތަށް" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކް އަޒީޒް ވިދާޅުވީ، ސޮވެރިން ޑިވެލޮޕްމަންޓުގައި ހިމެނޭ ފައިސާގެ ތަފްޞީލު ހަފްތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން އާއްމުކުރަމުންދާކަމަށެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ ސަރުކާރުން ލޯނު ނަގައިގެން ތަރައްޤީގެ ބިޔަ މަޝްރޫއުތަކަށް އިންވެސްޓްކުރަމުން ދާއިރު، ލޯނު އަދާކުރުމުގެ ބުރަ ފަހުގެ ޖީލުތަކަށް އުފުލަން ޖެހުމުގެ ބަދަލުގައި މިކަމަށް ފައިސާ ރައްކާކުރުމަށް އެކުލަވާލާފައިވާ ފަންޑެކެވެ.