ޚަބަރު

ކޯވިޑް-19 : ބަތަލާ ރިސޯޓުން ނެގި ސާމްޕަލްގެ ނަތީޖާ ނެގެޓިވް


ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސޭންޑީސް ބަތަލާ ރިސޯޓުން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބަތަލާ ރިސޯޓުން ފަހުން ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް ވެފައިވުމާއި ގުޅިގެން އެ ރިސޯޓު މޮނިޓަރިންގެ ހާލަތުން މިހާރު ނަގާފައިވާކަމަށެވެ.

ބަތަލާ ރިސޯޓްގެ އިތުރު މީހެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން އޭނާގެ ޓެސްޓްތައް ހަދައި އެ ރިސޯޓް ދެވަނަ ފަހަރަށް މޮނިޓަރިންއަށްލީ މިމަހުގެ 21 ވަނަ ދުވަހުގައެވެ.

މީގެކުރިން ބަތަލާ ރިސޯޓުގެ ދެ ފަތުރުވެރިއަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް އެ ދެމީހުން މިހާރު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ކޯވިޑް19އަށް ޝައްކު ކުރެވޭ އެއްވެސް އަލާމާތެއް ފެންނަ މީހަކު ހުރިނަމަ އެމީހެއްގެ ސާމްޕަލް ނަގައި ދަނީ ޓެސްޓު ކުރަމުންނެވެ.

ރާއްޖެއިން ކޯވިޑް-19 އަށް 13 މީހަކު ޕޮޒިޓިވެވެފައިވާއިރު، މިހާރު އޭގެ ތެރެއިން 8 މީހަކުވަނީ ބަލިން ރަނގަޅުވެފައެވެ.