ކޯވިޑް-19ން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިންޑިޔާ ލޮކްޑައުންކޮށްފައިއޮތްނަމަވެސް ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ދަތިކަމެއްނެތި ލިބޭނެ އިންތިޒާމް އެޤައުމުގެ ސަރުކާރުން ހަމަޖައްސައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން ވިދާޅުވީ އިންޑިޔާ ލޮކްޑައުން ކުރުމާއެކު މުދާ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ދަތިތަކެއް ހުރި ނަމަވެސް ރާއްޖެއަށް ބޭނުންވާ ހަނޑުލާއި ހަކުރާއި ފުށް ލިބޭނެ އިންތިޒާމް އިންޑިޔާގެ ސަރުކާރުން ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން 20 ދުވަހަށް ބޭނުންވާ ހަނޑުލާއި ހަކުރު ރާއްޖެ ގެނައުމަށް ބަރުކޮށްފައިވާކަމަށާއި އެބޯޓު ވަރަށް އަވަހަށް ރާއްޖެއަށް އަންނާނެކަމަށެވެ. އަދި އިތުރު 1،500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރު، ސޫތުކުޅީގެ ބަނދަރުން ބަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އިންޑިޔާ ހައިކޮމިޝަނުން ވިދާޅުވެއެވެ. ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ދަތިކަމެއްނެތި ރައްޔިތުންނަށް ލިބޭނެކަން ދިވެހި ސަރުކާރުންވެސްވަނީ ޔަޤީންކޮށްދެއްވާފައެވެ.
އިންޑިޔާގައި ކޯވިޑް-19 ފެތުރެން ފެށުމާއެކު އެޤައުމުން ބޭސް އެކްސްޕޯޓްކުރުން ވަގުތީގޮތުން ހުއްޓާލާފައިވީނަމަވެސް، ރާއްޖެއަށް ބޭނުންވާ ބޭސް ލިބޭނެ އިންތިޒާމުވެސް އެޤައުމުންވަނީ ހަމަޖައްސާފައެވެ. އެގޮތުން ބޭހުގެ އެހީގެ ގޮތުގައި 3 މަސްދުވަހަށް ބޭނުންވާ ޒަރޫރީ ބޭސް ރާއްޖެއަށްވަނީ ފޮނުވާފައެވެ.
އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން ރާއްޖެއަށް ދިމާވާ އެކި ދަތި ހާލަތްތަކުގައި އެންމެ ފުރަތަމަ އެހީވާ އެއް ޤައުމަކީ އިންޑިޔާއެވެ.