ކޯވިޑް-19 އާއި ދެކޮޅަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުންދީ، އޭޝިއާ 10 ޤައުމަކަށް ބޭނުންވާ އިމަރޖެންސީ ސަޕްލައި ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ޗައިނާގެ އެންމެބޮޑު އޮންލައިން ރީޓެއިލް ވިޔަފާރި ކުންފުނި، އަލީބާބާގެ ފައުންޑަރ ޖެކް މާ ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާ ޖެކް މާ ކުރައްވަފާއިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖެވެސް ހިމެނޭހެން އޭޝިއާގެ 10 ޤައުމަކަށް މިދަނޑިވަޅުގައި ބޭނުންވާނެ އިމަރޖެންސީ ސަޕްލައި ފޯރުކޮށްދިނުމުގެ މަސައްކަތް އަލީބާބާ ގްރޫޕުން ކުރަމުންދާކަމަށެވެ. މި ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ، އަފްޤާނިސްތާން، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، މޮންގޯލިއާ، މިޔަންމާ، ނޭޕާލް، ޕާކިސްތާން، އަދި ސްރިލަންކާއެވެ.
މި ނުވަ ޤައުމަށް ޖުމްލަ 1.8 މިލިއަން މާސްކާއި، 210 ހާސް ޓެސްޓް ކިޓާއި، 36 ހާސް ޕްރޮޓެކްޓިވް ސޫޓުގެ އިތުރުން ވެންޓިލޭޓަރާއި ތަމޯމީޓަރުތައް ހަދިޔާކުރުމަށް ނިންމާފައިވާކަމަށް ޖެކް މާ ވިދާޅުވެފައިވެއެވެ. އަދި މިތަކެތި ޤައުމުތަކަށް އަވަހަށް ފޮނުވުމަކީ ފަސޭހަކަމަކަށް ނުވިނަމަވެސް ކޮންމެ ޤައުމަކަށްވެސް މިތަކެތި ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އޭނާ ދެއްވާފައިވެެއެވެ.
ކޯވިޑް-19 އާއި ދެކޮޅަށް މުޅި ދުނިޔެއިން ކުރަމުންދާ ހަނގުރާމައަށް އަލީބާބާ ގްރޫޕުގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ. އެގޮތުން އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސް ކުރެއްވި ޓުވީޓެއްގައި އަލީބާބާގެ މި އިސްނެގުން ފާހަގަކޮށް، ވަކިން ޚާއްސަކޮށް މި ބަލީގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ޤައުމުތަކަށް ބޭނުންވާ އެންމެ އާސާސީ މެޑިކަލް ސަޕްލައި ފޯރުކޮށްދީ، ކެޕޭސިޓީ އިތުރުކުރުމަށް ދެމުންދާ އެއްބާރުލުން ޓެޑްރޮސް ވަނީ ފާހަގަކުރައްވާފައެވެ.
އޮންލައިން ވެބް ޕޭޖެއްގެ ގޮތުގައި 1999 ވަނަ އަހަރު ވުޖޫދުވި އަލީބާބާ ގްރޫޕަކީ މިހާރު ދުނިޔޭގެ އެންމެބޮޑު އޮންލައިން ރީޓެއިލް ވިޔަފާރި ކުންފުނިތަކުގެ ތެރޭގައި ގުނާލެވޭ މަޝްހޫރު ކުންފުންޏެކެވެ. އަލީބާބާ ކުންފުނިން ކޮންޕިއުޓަރު ޑޭޓާ ރައްކާކޮށްދިނުމުގެ ވިޔަފާރި އާއި ޑިޖިޓަލް ބޭންކިންގްގެ ޚިދުމަތާއި މުނިފޫނިފިލުވުމުގެ ދާއިރާއިން އެ ކުންފުނީގެ ވިޔަފާރީގެ ޚިދުމަތް ލިބެމުންދެއެވެ.