ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ފަތުރުވެރިން ފިޔަވައި އެހެން ހުރިހަ ފަރާތްތަކެއް ކަރަންޓީން ކުރަން ނިންމައިފިއެވެ.
ޢެޗްޕީއޭއިން އާންމު ކުރެއްވި އެންގުމުގައި ވަނީ ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިޒޯޓުތަކަށް އަންނަ ފަތުރުވެރީން ފިޔަވައި ރާއްޖެ އަންނަ ދިވެހިންނާއި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއްވެސް ކަރަންޓީން ކުރުމަށް ނިންމާފައިވާކަމަށެވެ. މި ފަރާތްތައް ކަރަންޓީން ކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުން
ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަކަށް ކަމަށްވެސް މި އެންގުމުގައި ވެއެވެ.
ރާއްޖޭގައި ކޯވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިއްޔެއިން ފެށިން އެހެން ޤައުމަކުން ފުރާ ޔޮޓާއި ސަފާރީ ފަދަ އުޅަނދު ރާއްޖެ އައުމާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުރުން ވަނީ މަނާކޮށްފައެވެ. އަދި ރިސޯޓްތަކުގައި ހަދާފައިވާ ސްޕާތައް ފިޔަވައި ރާއްޖޭގައި ހިންގާ އެހެން ސްޕާތައް ބަންދުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
މީގެ އިތުރުން މާލެ ސަރަޙައްދުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތް ދޭ ތަންތަން ބަންދު ކުރުމަށް ނިންމާ ހަމައެކަނި ޓޭކްއަވޭ އުސޫލުން ކާބޯތަކެތި ވިއްކާ ފަރާތްތަކަށް އެކަނި ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.