މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އަށް މިހާތަނަށް ފަރުވާއެއް ހޯދިފައިނުވިނަމަވެސް، ރައްކާތެރިވުމަށްޓަކާ ފަރުދީ ފެންވަރުގައި ފިޔަވަޅުތަކެއް އެޅިއްޖެނަމަ، މި ބަލި ފެތުރުން ކޮންޓްރޯލްކުރެވިދާނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ. އަދި މިކަމުގައި ފަރުދީ ޒިންމާގެ މުހިއްމުކަން ފާހަގަކޮށް، މިކަމުން އަރައިގަތުމަށްޓަކާ ޤައުމުތަކުގެ ސަރުކާރުތަކާއި އާއްމުން ގުޅިގެން މަސައްކަތް ކުރުމަށް އެ ޖަމްޢިއްޔާއިން ވަނީ ގޮވާލާފައެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކާ ފަރުދީ ފެންވަރުގައި އެޅިދާނެ އެންމެ މުހިއްމު އެއް ފިޔަވަޅަކީ ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމެވެ. އެހެންގޮތަކުން ބުނާނަމަ އިޖުތިމާއީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓެންސިންގ އަކަށް ތިމާ ދިއުމެވެ.
އިޖުތިމާއީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓަންސިންގއަކީ ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ އެކަކު އަނެކަކާ އެކަށީގެންވާ ދުރުމިނެއްގައި އުޅުމެވެ. ތިމާއާއި އެހެން މީހުންނާ ދޭތެރޭ މަދުވެގެން 3 ފޫޓްގެ ދުރުމިނެއް ބެހެއްޓުމުން ތިމާ ކޯވިޑް-19 އަށް ހުށަހެޅުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ. މިގޮތަށް މުޖުތަމަޢުއާއި ތިމާ އެކަހެރިވާ އެކެހެރިވުމުގެ ތެރެއިން އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުން މުހިއްމެވެ.
ކޯވިޑް-19 އިން ރައްކާތެރިވެ ތިބުމަށްޓަކާ ޞިއްޙީ މާޙިރުން އެންމެ ބޮޑަށް އިލްތިމާސްކުރާ އެއްކަމަކީ އާއްމު ސާފުތާޙިރުކަމަށް ޚާއްސަ ސަމާލުކަމެއްދިނުމެވެ. އެހެންކަމުން ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، ބޭރު ތެރޭގައި އުޅޭ ވަގުތު މަދުކުރުން ނުވަތަ އެއްވެސް ވަރަކަށް ބޭރުތެރެއަށް ނުކުމެނޫޅުމުން ތިމާގެ ޒިންމާ ނިމުނީކަމަށް ދެކިކެން ނުވާނެއެވެ.
އެހެންކަމުން ގޭތެރޭގައި އުޅޭ ވަގުތުތަކުގައިވެސް ވިހާވެސް ގިނައިން އަތްދޮވުމަށާއި، މޫނުގައި އަތްލުން މަދުކުރުމަށާއި، ކެއްސާ، ކިނބިހިއަޅާނަމަ އަނގައާއި ނޭފަތް ރަނގަޅަށް ނިވާކުރުންފަދަ އާދަތަކަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދިނުން މުހިންމެވެ. އެހެން ނޫންނަމަ ތިމާ ކޯވިޑް-19 އިން ރައްކާތެރިވުމަށްކަމަށް ބުނެ ސޯޝަލް ޑިސްޓަންސިންގ ނުވަތަ އިޖުތިމާއީ ގައިދުރުކަމަކަށް ދިއުމުގެ ހަޤީޤީ މަޤްޞަދެއް ޙާޞިލެއް ނުވާނެއެވެ.