ދައުލަތުގެ ޚަރަދުތަކުގެ ތެރެއިން 1 ބިލިއަން ރުފިޔާ އާ ހަމައަށް ޚަރަދު ކުޑަކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ސަރުކާރުން ނިންމަވާފައިވާ ބައެއް ނިންމެވުންތައް ހާމަކުރައްވާފައެވެ. އެގޮތުން 1 ބިލިއަން ރުފިޔާއާ ހަމައަށް ޚަރަދު ކުޑަކުރަން ނިންމަވާފައިވަނީ ދައުލަތުގެ ހުރިހާ ޚަރަދުތަކުގެ ތެރެއިން އުނިކުރެވެންހުރި ޚަރަދުތައް ބައްލަވައި މޮނިޓރަ ކުރެއްވުމަށްފަހުގައި ކަމަށާ އެމަސައްކަތް މިހާރު ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިގެ %20 ކުޑަކުރުމަށްވެސް ނިންމަވާފައިވާކަމަށާއި މިމަހުގެ 19އިން 26އަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ނިންމަވާފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
މި ނިންމެވުންތަކަކީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކެކެވެ.
ސަރުކާރުން ދަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށާއި މި ވައިރަހުގެ ސަބަބުން މާލީގޮތުންނާއި އިގްޤީޞާދީގޮތުން ރާޢްޖެއަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުންވަމުންނެވެ. އަދި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވޅުތަކަށް ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް ދަނީ ތަޢުރީފް ކުރައްވަމުންނެވެ.