ކޯވިޑް-19 އަށް ޓެސްޓުކުރާ ސާމްޕަލްތަކުގެ ނަތީޖާ އަވަހަށް ލިބޭނެ ޓެސްޓް ކިޓްތަކެއް ރާއްޖެގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯވިޑް-19ގެ ކަންކަމުގައި ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ، ކޯވިޑް-19 އަށް ޝައްކުކުރެވިގެން ޓެސްޓްކުރުމަށް ނަގާ ސާމްޕަލްތައް އައި.ޖީ.އެމް.އެޗުގެ ލެބޯޓްރީގައި ތަހުލީލުކުރުމުގައި މިވަގުތު މުވައްޒަފުންގެ ދަތިކަމެއް ކުރިމަތިނުވާކަމަށެވެ. އެގޮތުން ސާމްޕަލްތައް ލެބޯޓްރީއަށް ގެނެވޭ ހިސާބުން، ތަހުލީލުކުރުމުގައި އިސްކޮށް 5 މުވައްޒަފަކު މަސައްކަތް ކުރަމުންދާކަމަށާއި، ސާމްޕަލްތައް ގެނެވޭ މިންވަރަކުން ޓެސްޓްކުރުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މަބްރޫކް ވިދާޅުވީ، ކޯވިޑް-19ގެ ރާއްޖޭގެ ހާލަތަށް އަންނަ ބަދަލުތަކަށް ބަލާ އައި.ޖީ.އެމް.އެޗްގެ ލެބޯޓްރީގެ ކެޕޭސިޓީ އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި، އެ އިންތިޒާމްތައްވެސް ފަސޭހައިން ހަމަޖެހިފައިވާކަމަށެވެ. މިކަމުގައި އޭޑީކޭ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަންދީފައިވާކަމަށްވެސް މަބްރޫކް ޢަޒީޒް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ، މިހާރަށްވުރެ އަވަހަށް ސާމްޕަލްތަކުގެ ނަތީޖާ ލިބޭނެ ޓެސްޓް ކިޓްތަކެއް ރާއްޖެގެނައުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.
"މިކަމާގުޅިގެން އޭޑީކޭއާއި ޓްރީޓޮޕް ހޮސްޕިޓަލުގެ ފުރިހަމަ ސަޕޯޓް ލިބޭނެކަމުގެ ޔަޤީންކަން އެފަރާތުން ވަނީ ދެއްވާފައި. އައި.ޖީ.އެމް.އެޗްގެ ލެބް ކެޕޭސިޓީ ވަރަށް ފަސޭހައިން އިތުރުކުރެވޭނެ ގޮތް އެބަހުރި. ދެވަނަ ކަމަކީ އަޅުގަނޑުމެންނަށް ސާމްޕަލްތަކުގެ ނަތީޖާތައް ލެބޯޓްރީއަށް ގެނެވޭވަރަކުން ނެރެވެމުން އެބަދޭ. އަދި ސްޓާފުންގެ ދަތިކަމެއް ދިމާވެގެނެއް ނޫޅޭ. ތިން ވަނަކަމަކީ މިއަށްވުރެ އަވަހަށް ނަތީޖާ ލިބޭނެ ޓެސްޓް ކިޓްތަކެއް ރާއްޖެ ގެނައުމުގެ މަސައްކަތް މިދަނީ ކުރަމުން" މަބްރޫކް ޢަޒީޒު ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން ކޯވިޑް-19 އަށް ޝައްކުކުރެވުނު މީހުންގެ ޓެސްޓްތައް މީގެ ކުރިން ހައްދާފައިވަނީ ސާމްޕަލްތައް ޤައުމުން ބޭރަށް ފޮނުވައިގެންނެނެވެ. ނަމަވެސް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެހީތެރިކަމާއެކު ކޯވިޑް-19 އަށް ދާއިމީކޮށް ޓެސްޓުކުރެވޭނެ އިންތިޒާމު އައި.ޖީ.އެމް.އެޗުގައި މިހާރުވަނީ ހަމަޖައްސާފައެވެ.
ކޯވިޑް-19އަށް ޓެސްޓުކުރުމަށް 5000 ސްކްރީނިންގ ކިޓު ރާއްޖެއަށް މިހާރު ވަނީ އިތުރަށް ގެނެސްފައެވެ. އަދި ކޮންފޮމޭޓްރީ 1000 ކިޓުވެސް މިހާރުވަނީ ރާއްޖެ ގެނެސްފައެވެ. މީގެ ތެރެއިން ސްކްރީނިންގ ކިޓުތަކަކީ ބަލި މީހާގައިގަ ހުރީ ކޯވިޑް-19 ވައިރަސްތޯ ދެނެގަތުމަށް ބޭނުންކުރާ ކިޓުތަކެކެވެ. އަދި ކޮންފޮމޭޓްރީ ކިޓުތަކަކީ ބަލި މީހާ ގައިގައި ހުރީ މިހާރު އާއްމުވެފައިވާ ކޯވިޑް-19 ތޯ ޔަގީންކުރުމަށް ބޭނުންކުރާ ޓެސްޓު ކިޓުތަކެކެވެ.