ކޮވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، އައިޖީއެމްއެޗަށް އެކި ބޭނުންތަކުގައި މީހުން ވަދެ ނުކުމެ އުޅުމަށް ދޮރުތައް ބޭނުންކުރާ ގޮތަށް ބަދަލު ގެނެސްފިއެވެ.
އެހޮސްޕިޓަލުން ވިދާޅުވީ، މިބަދަލު ގެންނާނީ، 2020 މާރިޗު 17ވާ އަންގާރަ ދުވަހުން ފެށިގެން ކަމަށެވެ.
މިގޮތުން ދެން އައިޖީއެމްއެޗްގެ އިމަރޖެންސީ ރޫމް އަށް ވަޑައިގަންނަވާ ބޭފުޅުން ފުރަތަމަ ވަޑައިގަންނަވަން ވާނީ އިމަރޖެންސީ
ޕޯޓިކޯ ގައި ހެދިފައިވާ ޕްރައިމެރީ ޓްރިއާއަށް ކަމަށާއި އެ ތަނުން ޓްރައޭޖް ކުރުމަށްފަހު ސިއްހީ ހާލަތައް ބަލައި ފަރުވާ ލިބުމަށް ދެން ވަޑައިގަންނަވާނެ ތަނަކާއި މެދު އިތުރަށް ހޮސްޕިޓަލުގެ މުވައްޒަފުން އިރުޝާދު ދޭނެކަމުގައި އައިޖީއެމްއެޗުން ވިދާޅުވެއެވެ.
އަދި މީގެ ކުރިން ހޮސްޕިޓަލުގެ ތެރެއިން އިމަރޖެންސީ ރޫމު އަށް ވެދެވަޑައިގަތުމަށް އާންމުކޮށް ބޭނުންކުރައްވާ ކޮރިޑޯ މިހާރު ބޭނުމެއްނުކުރެއްވޭނެކަމުގައިވެސް އައިޖީއެމްއެޗުން ވިދާޅުވެފައިވެއެވެ.
އަދި ވޯޑު ތަކަށާއި ނެޝަނަލް ކާޑިއެކް ސެންޓަރަށް ވެދެވަޑައިގަންނަވަން ބޭނުންފުޅުނަމަ ހޮސްޕިޓަލަށް ވެދެވަޑައިގެންނެވޭނީ ބޮޑުތަކުރުފާނު މަގުގައިވާ ދޮރޯށިން ކަމަށާއި ލެބޯރަޓަރީ އަށް ވަޑައިގަންނަވަންބޭނުންފުޅުނަމަ ވެދެވަޑައިގަންނަވާނީ ކަނބާ އައިސާ ރަނި ހިނގުމުގަ ހުންނަ މައި ދޮރޯށިން ކަމުގައިވެސް އައިޖީއެމްއެޗުން ވިދާޅުވެއެވެ.
އެހޮސްޕިޓަލުން ވަނީ މިކަމާއި ގުޅިގެން އާންމުންނަށް ކުރިމަތިވެދާނެ ދަތިތަކަކާއި މެދު ނިހާޔަތައް މައާފަށް އެދިފައެވެ.