ކޯވިޑް-19 އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބީއެމްއެލް އިން ޚާއްސަ ލޯނެއް ތައާރަފްކޮށްފިއެވެ.
މި ފައިނޭންސިންގެ ދަށުން މިހާރު އޮޕަރޭޓް ކުރަމުންދާ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގެ ވޯކިން ކެޕިޓަލް ގެ ގޮތުގައި 2 މިލިއަން ޑޮލަރާ ހަމައަށް ފައިނޭންސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަނބުރާ ދެއްކުމަށް 3 އަހަރުގެ މުއްދަތެއް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ލިބޭނެ ގެއްލުން މުޅިން ވަޒަން ކޮށްލެވޭނީ، މިކަން ދިގުދެމިގެންދާ މުއްދަތަކާއި މިކަމުގެ އަސަރުކުރާނެ ނިސްބަތުންކަމުގައިވީ ނަމަވެސް މިހާރުވެސް ފަތުރުވެރިކަމުގެ ސިނާއަތަށާއި ދިވެހި ވިޔަފާރިތަކަށް ވަރަށް ބޮޑު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާކަމަށެވެ.
ޤައުމީ ބޭންކުގެ ހައިސިއްޔަތުން މިފަދަ ދަނޑިވަޅެއްގައި މި ވިޔަފާރިތަކަށް އެހީތެރިކަންފޯރުކޮށްދިނުމަކީ ބޭންކުގެ ޒިންމާއެއްކަމަށް އޭނާ ވިދާޅުވިއެވެ. މި ތައާރަފްކުރެވުނު ޝޯޓް ޓަރމް ފައިނޭންސިންގ އަކީ މި ދަނޑިވަޅުގައި ދިވާމެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ނުވަތަ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވަރަށް އެކަށޭނެ ފައިނޭންސިންގ އެއްކަން ޓިމް ސޯޔަރ ވިދާޅުވިއެވެ.
ބީއެމްއެލްއިން މި ސްކީމް ތައާރަފްކޮށްފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ގުޅިގެންނެވެ.
ކަސްޓަމަރުންނަށް ކަނޑައަޅާފައިވާ ރިލޭޝަންޝިޕް މެނޭޖަރ އާ ގުޅައިގެން ނުވަތަ ބޭންކުގެ ބްރާންޗަކަށް ގޮސް މި ޚިދުމަތައް އެދި ހުށަހެޅޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.