ކޯވިޑް19އިން ރައްކާތެރިވުމަށް ރާއްޖޭގައި ހެދި ކަރަންޓީނު ފެސިލިޓީއަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބިއްޖެއެވެ. ވިލިވަރުގައި ތަރައްޤީކޮށްފައި މިކަރަންޓީނު ފެސިލިޓީ ހަދާފައިވަނީ އެންމެ 10 ދުވަހުގެ ތެރޭގައެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 މިހާރު ވަނީ ދުނިޔޭގެ 127 ސަރަހައްދަކުން ފެނިފައެވެ. މިވައިރަސްއިން ރައްކާތެރިވުމަށް ޤައުމުތަކުން އެކި ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. އެގޮތުން ހޮސްޕިޓަލްތަކާއި ކަރަންޓީން ފެސިލިޓީތައް އަންނަނީ ޤާއިމްކުރަމުންނެވެ.
މި ވައިރަހުން ރައްކާތެރިވުމަށް ރާއްޖެއިންވެސް ވަނީ ދުރާލައި ފިޔަވަޅުތައް އަޅަން ފަށާފައެވެ. ރިސްކް އެސެސްމެންޓްތައް ހަދާ އެވަގުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް ފަސްޖެހުމެތްނެތި އަންނަނީ އަޅަމުންނެވެ. މިގޮތުން މި ބަލީގެ އަލާމަތްތައް ހުރި މީހަކު ފެނިއްޖެނަމަ އެމީހަކު އެކަހެރިކޮށް ބަހައްތާނެ ތަންތަނާއި ބަލި ޙާލަތު ބޮޑުވެއްޖެ މީހަކަށް ފަރުވާދޭނެ އައިސީޔޫތައްވެސް ހިމެނެއެވެ.
މީގެތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަވި އެއްތަނަކީ އެންމެ 10 ދުވަހުގެ ތެރޭގައި މާލެ އަތޮޅު ވިލިވަރުގައި ޤާއިމުކުރި ކަރަންޓީނު ފެސެިލިޓީއެވެ.
މާލެ އަތޮޅު ގުރައިދޫކައިރީގައި ރިސޯޓެއްގެ ގޮތުގައި ކުރިން ހިންގި ވިލިވަރުގައި ތަރައްޤީކުރި މިކަރަންޓީނު ފެސިލިޓީއަށް މިހާރު ވަނީ ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަންވެސް ލިބިފައެވެ. ޗައިނާގެ ޚަބަރު ފަތުރާ މީޑިއާއެއްކަމަށްވާ "ސައުތު ޗައިނާ މޯނިންގ ޕޯސްޓް ނިއުސް"އިން ވަނީ މިކަރަންޓީން ފެސިލިޓީގެ މަޢުލޫމާތު ޓުވިޓަރ މެދުވެރިކޮށް ޙިއްސާކޮށްފައެވެ.
ޗައިނާގެ މި މީޑިއާއިން ބުނެފައިވަނީ މިއީ ދުނިޔޭގައި ކޯވިޑް-19އިން ރައްކާތެރިވުމަށް މިހާތަނަށް ހެދި އެންމެ ހިތްގައިމު ކަރަންޓީން ފެސިލިޓީކަމަށެވެ. އަދި މިތަން ތައްޔާރުކޮށްފައިވަނީ އެންމެ 10 ދުވަހުންކަމުން އެކަންވެސް ވަނީ ފާހަގަކޮށްފައެވެ. "ސައުތު ޗައިނާ މޯނިންގ ޕޯސްޓް" އިން ރާއްޖޭގެ މި ކަރަންޓީން ފެސިލިޓީގެ ފޮޓޯތަކާއި ވީޑިއޯ ތަކާއިއެކު ޓުވިޓަރގައި ހިއްސާކުރުމުން 28 ހާހަށްވުރެ ގިނަ މީހުން ވަނީ މި ވީޑިއޯ ބަލާފައެވެ.
ކ.ވިލިވަރު ގެ މަތިން ނަގާފައިވާ ފޮޓޯއަކާއި އެކު ޓްވީޓް ކުރައްވައި ޕްރޮފެސަރު ހަސަން އުގެއިލްވެސް ވަނީ ވިލިވަރަކީ ދުނިޔޭގައި ހެދި އެންމެ ރީތި ކަރަންޓީން ފެސިލީކަން މީގެކުރިން ފާހަގަކުރައްވާފައެވެ.
ވިލިވަރުގައި ޤާއިމްކޮށްފައިވާ މި ކަރަންޓީން ފެސިލިޓީއަކީ 30 މީހުންގެ ޖާގައިގެ ތަނެކެވެ. މިތަން ހަދާފައިވަނީ އިތުރަށް ބޭނުންވެއްޖެނަމަ ޖާގަ އިތުރުކޮށް ވޯޑާއި ޓެންޓުވެސް އިތުރު ކުރެވޭގޮތަށެވެ. މި ފެސިލިޓީގައި ފުރިހަމަ ޚިދުމަތްތަކެއް ދިނުމަށްޓަކައި ބޭނުންވާ ހުރިހާ ވަސީލަތެއްވެސް ވަނީ ޤާއިމް ކޮށްފައެވެ.
މިތަނުގައި އޭސީ އާއި ޓީވީ ހަރުކޮށްފައިވާއިރު ކޮޓަރިތެރޭގައި ތިބެގެން ކައިބޮއިހެދޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އަދި އެތަނުގައި ކަރަންޓީން ކުރާ ފަރާތްތަކަށް އެތަނުން ބޭރަށް ނުކުމެ އުޅެވޭނެގޮތަށް ބީޗް ސަރަހައްދެއްވެސް ވަނީ ކަނޑައަޅާފައެވެ.
މި ކަރަންޓީން ފެސިލިޓީ ޤާއިމުކުރުމުގައި ޓުއަރިޒަމް މިނިސްޓްރީގެ އިސްވެރިންނާއި ސްޓާފުންނާއި، 48 ފުލުހެއްގެ އިތުރުން، އެސްޓީއޯ، ފެނަކަ، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ އަދި ކޮކާކޯލާ ކުންފުނީގެ މުއައްޒަފުންވަނީ ރެއާއި ދުވާލު ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.