ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން ކަރަންޓީން ކުރެވުނު 4 މީހެއްގެ ޓެސްޓް ނަތީޖާ ނެގެޓިވްވުމާއި ގުޅިގެން އެމީހުން އަނބުރާ ރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
ކޯވިޑް-19އާއި ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުން ކޯވިޑް-19އަށް ކަނޑައަޅާފައި ހުންނަވާ ސްޕޯކްސް ޕަރސަން މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ވިލިވަރުގައި ކަރަންޓީންގައި ތިބި މީހުންގެ ތެރޭގައި ޓެސްޓްގެ ނަތީޖާ ނެގެޓިވްވުމާ ގުޅިގެން ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނީ ވައިރަސްއަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން ފޯކައިދޫން ކަރަންޓީންކުރި ދިވެއްސަކާއި ކުރެއްދޫން ކަރަންޓީންކުރި އެރިސޯޓުގެ 2 ބިދޭސީ ސްޓާފުންނާއި ބަތަލާ ރިސޯޓުން ވައިރަސް ހުރިކަމަށް ޝައްކުކުރެވިގެން ކަރަންޓީންކުރި ބިދެސީއަކު ކަމަށެވެ.
ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުން ފެނުނު 3 ރިޒޯޓުގައި ތިބި ފަތުރުވެރިން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށާއި، މިމީހުން ފޮނުވާލުމުގެ މަސައްކަތްކުރަނީ އެކަމަށް ކަނޑައެޅިފައިވާ ރިސްކް އެސެސްމަންޓްތަކެއް ހެދުމަށް ފަހުގައިކަމަށެވެ. އެގޮތުން ރިސްކް އެސެސްމަންޓުގައި ހައި ރިސްކް އަދި ލޯ ރިސްކް ކެޓަގަރީތަކުގައި ހިމެނޭ ފަތުރުވެރިން ވަކިކުރުމަށްފަހު އޭގެ ތެރެއިން ވައިރަސް ހުރުމުގެ ފުރުސަތު ނެތް ލޯ ރިސްކް ކެޓަގަރީތަކުގެ ފަތުރުވެރިން އެޤައުމުތަކުގެ ސަރުކާރާއި ރާއްޖޭގެ ފޮރިން މިނިސްޓްރީ ގުޅިގެން ކުރަމުން އަންކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް ކޯވިޑް-19ގެ ސަބަބުން 91 މީހެއްގެ ސާމްޕަލްވަނީ ނަގާފައެވެ. މީގެތެރެއިން 8 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު 81 މީހަކުވަނީ ނެގަޓިވްވެފައެވެ. މިހާތަނަށް ނަތީޖާ ނުލިބޭ 2 މީހަކު އެބަތިއްބެވެ. އަދި ވައިރަސް ހުރި މީހަކާއި ބައްދަލުވެފައިވާ މީހުންގެ ގޮތުގައި ބަލާ 243 މީހެއްގެ ކޮންޓެކްޓް ޓްރޭސިންގ މިހާތަނަށްވަނީ ހަދާފައެވެ. ކޯވިޑް-19އާއި ގުޅިގެން ޤާއިމުކޮށްފައިވާ ކޯލް ސެންޓަރުން މިކަމާ ގުޅިގެން މިހާތަނަށް 3885 ކޯލަށް މިސެންޓަރުންވަނީ އެޓެންޑުވެފައެވެ. އަދި ޕޯޓުތަކުގައި މީހުން ސްކްރީންކުރުމަށް ހިންގާ އޮޕަރޭޝަންތަކުގައި މިހާތަނަށް ދެލައްކަ އަށާރަހާސް ފަސްސަތޭކައަށް ވުރެ ގިނަ މީހުންވަނީ ސްކްރީންކޮށްފައެވެ. މީގެތެރެއިން 37 މީހަކު ރާއްޖެއަށް އެތެރެވިޔަނުދީވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.