ޚަބަރު

ކައުންސިލް އިންތިޚާބް ފަސްކުރުމާއިމެދު ގޮތެއް ނިންމަނީ


އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބް ފަސްކުރުމާއިމެދު މިއަދު ގޮތެއް ނިންމާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް އަޙްމަދު އަކްރަމް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިލެކްޝަން ކޮމިޝަނުން އަބަދުވެސް އަޑުއަހާނެކަމަށެވެ. ހާލަތު ރަނގަޅަށް އޮޅުންފިލުވުމަށްފަހު އންތިޚާބާއިގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ނިންމާގޮތެއް މިރޭ ހާމަކުރައްވާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

ޤާނޫނުގައި ބުނާގޮތުން އިންތިޚާބް ފަސްކުރުމުގެ އެއްވެސް ޤާނޫނީ ހައިސިއްޔަތެއް އިލެކްޝަން ކޮމިޝަނަށް ލިބިގެން ނުވާކަމަށްވެސް އަކްރަމް ވަނީ ވިދާޅުވިއެވެ. އިލެކްޝަން ކޮމިޝަނުން އިއްޔެ ބޭއްވި އެކޮމިޝަންގެ ގައުމީ ލަފާދޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލަތަކުގެ އިންތިޚާބު ފަސްކޮށްފިނަމަ އިންތިޙާބަށް އިތުރު 30 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާނެކަމަށެވެ.

ޝަރީފު ވިދާޅުވީ އިިންތިޚާބު ފަސްކޮށްފިނަމަ ދައުލަތުގެ ބަޖެޓުން އިތުރު 30 ވަރަކަށް މިލިއަން ހަރަދުކުރަންޖެހޭނެކަމަށެވެ. އަދި ކޯވިޑް-19 ގެ މިހާލަތުގައި އެ އަދަދަށް ހަރަދުކުރުން ދަތިތަކާއި ކުރިމަތިވާނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އިންތިޚާބުގެ ކަންކަން ތާވަލުކޮށްފައިވަނީ ޤާނުނުގައި ބުނާ ތާރީހުތަކަށް ބަލައިގެންކަމަށެވެ. އެގޮތުން މިހާރު އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހުތައް ކަނަޑައަޅާފައި އެވަނީ ޤާނޫނުގައި ބުނާގޮތުން މިހާރު ތިބި ކައުންސިލްތަކުގެ މުއްދަތު ހަމަވުމުގެ 30 ދުވަހުގެ ކުރިން އިންތިޚާބުގެ ކަންކަން ނިމޭގޮތަށްކަމަށެވެ. އެގޮތުން ދެވަނަ ބުރަކަށް ދާންޖެހުނު ނަމަވެސް މިހާރު ތާވަލުކޮށްފައިވާ ގޮތުން ރޯދައިގެ ކުރިން އިންތިޚާބުގެ ކަންކަން އެކޮށް ނިންމާލެވޭނެކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. އަދި އިންތިޚާބު ލަސްކުރިޔަސް ކުރެވޭނީ 3 މޭގެ ނިޔަލަކަންވެސް ޝަރީފު ވަނީ ފާހަގަކުރައްވާފައެވެ.

އަންނަ ކައުންސިލް ިއންތިޙާބުގައި ވޯޓްލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދަކީ 269562 މީހުންނެވެ.