ދީބާޖާ މައްސަލައިގަ ސުޕްރީމް ކޯޓުންކުރި ޙުކުމާމެދު ޢާންމުންގެ ކަންބޮޑުވުން އޮތްކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ އެމައްސަލަ ރިވިއުކުރުމަށް ހުށައެޅި މައްސަލަ ބަލައިގަތުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފިއެވެ.
ދީބާޖާ މައްސަލައިގެ ޙުކުމް ރިވިއުކުރުމަށް ސުޕްރީމްކޯޓަށް ބަންޑާރަ ނާއިބު ހުށައެޅުއްވީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަދުވަހުއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވީ ރިވިއު ކުރުމުގެ ހުއްދައަށް އެދި އެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ އެ ކޯޓުގެ ޤަވާއިދާ އެއްގޮތަށް ހުށަހަޅާފައިވާ މައްސަލައަކަށްވުމުން އެ މައްސަލަ ބަލައިގަތުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފައިވާކަމަށެވެ.
ދީބާޖާ މައްސަލައިގަ ސުޕްރީމްކޯޓުން ކޮށްފައިވާ ޙުކުމާމެދު ޢާންމުންގެ ކަންބޮޑުވުން އޮތްކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެފައިވާތީ ޢާންމު މަސްލަޙަތަށް ރިޢާޔަތްކޮށް އެމައްސަލަ ރިވިއުކުރުމަށް ނިންމަވާފައިވާ ކަމަށް ބަންޑާރަ ނާއިބު، އިބްރާހީމް ރިފްއަތުވަނީ މީގެކުރިން ވިދާޅުވެފައެވެ.
ދީބާޖާ އިންވެސްޓްމަންޓަށް ދައުލަތުން ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް ނިންމި ނިންމުން މަޑުޖައްސާލައި އެ މައްސަލަ ސުޕްރީމް ކޯޓްގައި މުރާޖަޢާކުރަން ދެންނެވުމަށް ބަނޑާރަ ނާއިބަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ފާސްކޮށްފައެވެ. މިގޮތަށް ފާސްކޮށްފައި ވަނީ މިދިޔައަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު މި މައްސަލަ ދިރާސާކުރި މާލިއްޔަތު ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައި 65 މެމްބަރުންގެ ވޯޓުންނެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލާފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް ކޯޓުން ބޭރުން މި މައްސަލަ ހައްލުކޮށް 348 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދީބާޖާއަށް ދިނުމަށް ރައީސް އުފެއްދެވި ސެޓްލްމަންޓް ކޮމިޓީން ވަނީ ނިންމާފައެވެ.
ދީބާޖާއަށް މިހާތަނަށް ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ދީފައި ނުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައިއެވެ.