ޚަބަރު

އިރާނާއި ސައުތުކޮރެއާ ނުރައްކާ، ދިވެހިން އަވަހަށް ރަޖިސްޓްރީކުރޭ


ސައުތުކޮރެއާއި އިރާނުގައި ކޮރޯނާ ވައިރަސް ހަލުވިކަމާއި އެކު ފެތުރެމުންދާތީ އެ ދެ ޤައުމުން މީހުން ރާއްޖެ އެތެރެވުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.

ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް 19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ އެ ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިރާނާއި ސައުތުކޮރެއާގެ ދެ ސަރަހައްދަކުން މީހުން ރާއްޖެ އައުން މެދުކަނޑާލާފައިވާކަމަށެވެ. މި ގޮތުން ކޮރެއާގެ ދެ ސަރަހައްދެއްކަމަށްވާ ޑޭބޫ އާއި ޖޭޔޮންގ ގޮކް މި ދެ ސަރަހައްދުކަމަށް ހެލްް މިނިސްޓަރ ވިދާޅުވިއެވެ.

" ސައުތުކޮރެއާ މިހާރު އެންމެ ބޮޑަށް ވައިރަސް ފެތުރެމުންދާ އެއް ޤައުމު. އެހެންކަމުން ސައުތު ކޮރެއާއިން މީހުން އާދެވޭނެ ގޮތްތަކާއި މެދުވެސް އަޅުގަނޑުމެން މިވަނީ ގޮތެއް ކަނޑައަޅާފައި. އެގޮތުން ސައުތުކޮރެއާގެ ދެ ސަރަހައްދަކުން މީހުން އައުން މިވަނީ މެދުކަނޑާލާފައި" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

އިރާނާއި ސައުތުކޮރެއާއި ދިވެހިން ދަތުރުކުރުމުގައި ސަމާލުވުމަށް ފޮރިން މިނިސްޓްރީންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. މި ގޮތުން ސައުތުކޮރެއާގައި ކޮރޯނާ ވައިރަސް (ކޯވިޑް-19) ނުހަނު ބާރަށް ފެތުރެމުންދާތީ، އެޤައުމުން މިވަގުތު ރެޑް އެލަރޓް ނެރެފައިވާކަން ފޮރިން މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މި އެލަރޓް ދެމިއޮތްހާ ހިނދަކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ސައުތު ކޮރެއާއަށް ދަތުރުނުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ވަގުތު ސައުތު ކޮރެއާގައި ދިރިއުޅޭ އަދި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހީން ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ނުވަތަ މި މިނިސްޓްރީގައި ރަޖިސްޓްރީވުމަށްވެސް ފޮރިން މިނިސްޓްރީން އެދިވަޑައިގަންނަވައެވެ. މީގެއިތުރުން މި ވަގުތު އިރާންގައި ދިރިއުޅޭ އަދި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހިން މިނިސްޓްރީގައި ރަޖިސްޓްރީވުމަށްވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.