ޚަބަރު

މާލެ ސިޓީގައި އީ.ކައުންސިލްގެ "ގެމެން" މޮޑިއުލް ބޭނުންކުރަން ފަށައިފި


މާލެ ސިޓީގައި އީ.ކައުންސިލްގެ "ގެމެން" މޮޑިއުލް ބޭނުންކުރަން ފަށައިފިއެވެ.

މި މޮޑިއުލްއަކީ، ދިވެހި ރައްޔިތުންގެ އުފަންދުވަހުގެ ރަޖިސްޓްރީ އާއި، ރައްވެހިންގެ ރަޖިސްޓްރީ އާއި، ގޯތި ގެދޮރުގެ ރަޖިސްޓްރީ ބަލަހައްޓަން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ، އެންސީ.އައި.ޓީ އާއި ގުޅިގެން ތައްޔާރުކުރި މޮޑިއުލްއެކެވެ.

އެލްޖީއޭގައި ބޭއްވި ރަސްމިއްޔާތުގައި މި މޮޑިއުލް ތަޢާރަފްކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ ޢަލީ ސާލިހުއެވެ.

އީ.ކައުންސިލްގެ ގެމެން ތަޢާރަފްކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އަލީ ސާލިހް ވަނީ "ގެމެން" ފުރިހަމަ މާނައިގައި ބޭނުންކުރަން ފެށުމުން ޚިދުމަތެއް ހޯދުމަށް ގޯތީގެ ރަޖިސްޓްރީ، ފޮޓޯ ކޮޕީ ހައްދައި ބައެއްގެ އަތްމައްޗަށް މައުލޫމާތު ދޫކުރުމުގެ ބަދަލުގައި، ސިސްޓަމް ތެރެއިން ބޭނުންވާ މައުލޫމާތު، ބޭނުންވާ މިންވަރަށް، ރައްކާތެރިކަމާއި، ސައްޙަކަމާއެކު އިދާރާތަކުގެ މެދުގައި ހިއްސާކުރުމުގެ އިންތިޒާމް އެންސީއައިޓީން ހަމަ ޖެހޭނެކަން ފާހަގަކުރައްވާފައެވެ. މާލެ ސިޓީގައި މި ޚިދުމަތް ތަޢާރަފްކުރެވުމުން މި މަސައްކަތުގެ ބޮޑު ބައެއް ނިމުނީކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ އަލީ ސާލިހްވަނީ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އީ ކައުންސިލް ގެމެން މޮޑިއުލް މުޅި ރާއްޖެއަށް ތަޢާރަފްކުރެވޭނެކަން ފާހަގަކުރައްވާފައެވެ.

"މާލެ ސިޓީގައި ޚިދުމަތް ފެށުމުން ރާއްޖޭގެ ބޮޑު ބަޔަކަށް ޚިދުމަތް ފެށުނީ. އުންމީދަކީ ވީހާވެސް އަވަހަށް މިކަން ނިންމުން. މި ނިޒާމުގެ ދަށުން ދިވެހި ރައްޔިތުންގެ އުފަންދުވަހުގެ ރަޖިސްޓްރީ އާއި، ރައްވެހިންގެ ރަޖިސްޓްރީ އަދި ގޯތި ގެދޮރުގެ ރަޖިސްޓްރީ ބަލަހައްޓަން ބޮޑެތި ފަސޭހަތަކެއް ލިބި މަޢުލޫމާތުގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެ." ސްޓޭޓް މިނިސްޓަރ އަލީ ސާލިހް ވިދާޅުވިއެވެ.

އީ ކައުންސިލް ނިޒާމަކީ، ކައުންސިލްތަކުން ބަލަހައްޓާ، ރައްޔިތުންނާއި ކައުސިލްގެ ލިޔެކިޔުންތައް ޑިޖިޓަލްކޮށް ރައްކާތެރިކުރުމަށް ސަރުކާރުން ތަރައްޤީކުރި ނިޒާމެކެވެ. މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއިން އީ- ކައުންސިލް ނިޒާމް ރާއްޖޭގެ ބޮޑު ބަޔަކަށް ދިނުމަށް މަސައްކަތް ކުރަމުންދާއިރު، ކޮންމެ ރައްޔިތެއްގެ ޑިޖިޓަލް އައިޑެންޓިފިކޭޝަން ކާޑު ނުވަތަ އީ ފާސްގެ މަސައްކަތް ތަޢާރަފްކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.