ދުނިޔެ

ގީލާނީ މިނިވަން ކުރުމަށް ގޮވާލާ އެތަށް ހާސްބަޔަކު މުޒާހަރާކޮށްފި


އިންޑިޔާ ސަރުކާރުން ހައްޔަރުކޮށްފައިވާ ކަޝްމީރުގެ ދީނީ ލީޑަރެއްކަމަށްވާ ސައްޔިދު އަލީ ޝާހް ގީލާނީ މިނިވަން ކުރުމަށް ގޮވާލައި ޖަންމޫ ކަޝްމީރުގައި އެތަށް ހާސްބަޔަކު މުޒާހަރާކޮށްފިއެވެ.މިމުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ޕާކިސްތާނަށް ތާއީދުކޮށް އިންޑިޔާ ސަރުކާރާ ދެކޮޅަށް ނަފްރަތާއި ރުޅިވެރިކަމުގެ ޝުއޫރުތައް ފާޅުކުރަންފެށުމާއެކު މުޒާހަރާކުރާމީހުންނާއި އިންޑިޔާގެ ސަލާމަތީ ބާރުތަކާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ.އަނެއްކޮޅުން ކަޝްމީރުގެ ސަރަހައްދީ ރޮނގުކަމަށްވާ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އިންޑިޔާއާއި ޕާކިސްތާނުގެ ސިފައިން އިއްޔެވެސްވަނީ ހަމަލާތައް ބަދަލުކޮށްފައެވެ. ޕާކިސްތާނުން ބުނީ އިންޑިޔާ ސިފައިން ބަރުހަތިޔާރު ބޭނުންކޮށްގެން ޙަމަލާތައް ދީފައިވާކަމަށެވެ.ފާއިތުވި ދެދުވަހު އިންޑިޔާއާއި ޕާކިސްތާނުގެ ސިފައިން ސަރަހައްދީ ރޮނގު ހުރަސްކޮށް ބަދަލުކުރި ހަމަލާތަކުގައި ދެފަރާތުންވެސް މީހުން މަރުވެ އިތުރުބަޔަކު ޒަޚަމްވެފައިވެއެވެ.