ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް އޮންނަ ފަދައިން ރާއްޖޭގެވެސް ކަސްޓަމްސްއާއި އިމިގްރޭޝަން އެއްކޮށްލުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.ހޯމް މިނިސްޓަރ އުމަރު ނަސީރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ކަސްޓަމްސްގެ ސަތޭކަ ފަންސަވީސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ވިދާޅުވީ މި މިދެ މުއައްސަސާ އެއްކޮށްލުމުން ދައުލަތަށް ޚަރަދު ކުޑަވެގެން ދާނެ ކަމަށާއި، މިދެމުއައްސަސާއަކީ ގާތްގަނޑަކަށް އެއްކަހަލަ ދެތަންކަމަށް ވާތީ މިކަމުގެ ސަބަބުން ހަލުވި ކުރިއެރުންތަކެއް ހޯދޭނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަރނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢައްބާސް އާދިލް ރިޒާ ވިދާޅުވީ ކަސްޓަމްސްގެ 125 ވަނަ އަހަރީ ދުވަސް ފެށިގެންދާއިރު، ކަސްޓަމްސް ވަނީ ރިސްކް ބޭސްޑް މެނޭޖްމަންޓް ފްރޭމްވާރކްއަކަށް ބަދަލުވުމަށްޓަކައި ތައްޔާރުވެފައިކަމަށާއި، މިކަމުގެ ސަބަބުން ކަސްޓަމްސްއިން ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްވެގެންދާނެކަމަށެވެ.
ޢައްބާސް އާދިލް ރިޒާ ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރަށްވުރެ މިއަހަރު ރާއްޖެއަށް މުދާ އިމްޕޯޓްކުރެވިފައިވާ މިންވަރު އިތުރުވެފައިވާކަމަށާއި، ރާއްޖޭގައި ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ 24 ރިސޯޓަށް ގެނެވޭ މުދަލާއި އަދިވެސް ބައިނަލްއަޤްވާމީ ވިޔަފާރި ފުޅާވަމުންދާ ސްޕީޑާ އެއްވަރަށް ކަސްޓަމްސްގެ ޚިދުމަތްތައް ތަރައްޤީކޮށް، މިކަންކަމަށް ސާބިތުކަމާއެކު ކުރިމަތިލުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމުގައި ވިދާޅުވިއެވެ.ކަސްޓަމްސް ބިލްޑިންގ ކުރިމަތީގައި މިއަދު ހެނދުނު 06:00 ޖެހި އިރު ބޭއްވި މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައި ދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢުމަރު ނަޞީރެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢައްބާސް އާދިލް ރިޒާއެވެ.
މި ރަސްމިއްޔާތުގައި ދުވަހާ ގުޅޭގޮތުން ޚާއްޞަ ދުޢާއެއް އެއްވެސް ކުރުން އޮތެވެ.