ރ.މަޑުއްވަރީން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންގެ މައްސަލަ ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްޓަކައި ޕީޖީއާއި މަޝްވަރާކުރަމުން އަންނަކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
ފުލުހުން ވިދާޅުވީ،ޕީޖީއެކީ ކުރާ މަޝްވަރާތަކުގެތެރެއިން ދަޢުވާކުރުމަށްޓަކައި އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަމުގެ މަސައްކަތްތައްވެސް ކުރިއަށް ދާކަމަށެވެ. ފުލުހުން މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ޑިސެމްބަރު މަހު ހަރުކަށި ފިކުރާއި ދެކޮޅަށް ރ.މަޑުއްވަރީގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ތިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
އަދި ހަރުކަށި ފިކުރާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި މަޑުއްވަރީގައި ހިންގި އޮޕަރޭޝަންގައި އެރަށުގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރާފަރާތްތަކަކީ ކޮބައިކަން ދެނެގަނެވި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް ހޯމް މިނިސްޓްރީންވެސް ވަނީ ވިދާޅުވޭ. މަޑުއްވަރީގައި ހިންގި އޮޕަރޭޝަންގައި ބައެއް ގޭގެއާއި އޮޑިދޯނިފަހަރު ބަލާ ފާސްކޮށްފައިވޭ.
މަޑުއްވަރީގައި ހިންގި އޮޕަރޭޝަނަކީ ރާއްޖޭގައި ހެދިފައިވާ ޤާނޫނާއި ޤަވާޢިދުތަކާއި ޚިލާފަށް، ހަރުކަށި ފިކުރުތަކާއި އެއްގޮތަށް ތަބާވެ ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްޤުތަކާއި ރައްކާތެރިކަމުން މަޙްރޫމްކުރަމުންދާތީ އެކަމާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަދި ހަރުކަށި ފިކުރުތަކަށް ތާއީދުކޮށް އެފަދަ ޢަމަލުތައް ފަތުރަން މަސައްކަތްކުރާ ބައެއް މީހުން އެމީހުން ޤަބޫލުކުރާ ކުރުމެއްގެ މައްޗަށް ބިނާކޮށް ހައްޤަކާއި ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ތަފާތު ޖިނާޢީ ކުށްތައް މަޑުއްވަރީގައި ހިންގަމުންދާކަމަށްވެސް ފުލުހުން އެއިރު ތުހުމަތުކޮށްފައިވެއެވެ. އެހެންކަމުން ޓެރަރިޒަމާއި ހައްދުފަހަނައަޅާފައިވާ ޢަމަލުތައް ހިންގާ ޖަމާއަތްތަކަށް ތާއީދުކޮށް އެކަންކަން ދިފާޢުކޮށް ފަތުރަން ކުރާ މަސައްކަތްތަކާއި ދެކޮޅަށް ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުންނާއި ސިފައިން އަޅަމުންދާނެކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
މަޑުއްވަރީން ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވުމަށް ނިންމާފައިމިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކު ޒަޚަމްކޮށްލާފައިވަނީ މަޑުއްވަރީން ބަޔަކު ހައްޔަރުކުރުމުން އެކަމުގެ ބަދަލު ހިފުމުގެ ރޫހުގައިކަމަށް ވަނީ ވާހަކަދެކެވެންފަށާފައެވެ. އަދި އެ ހަމަލައިގެ ޒިންމާ ނަގާ ކަމަށް ބުނެ ބަޔަކު ވީޑިއޯއެއް ޢާންމުކޮށްފައިވާއިރު އެ ވީޑިއޯގެ ސައްޙަކަން ކަށަވރުކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.