ވިޔަފާރި

މޯލްޑިވްސް އިނޮވޭޝަން ކުއެސްޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


މޯލްޑިވްސް އިނޮވޭޝަން ކުއެސްޓްގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ އައު އީޖާދުތައް އުފައްދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އީޖާދުތަކަށް ހާއްސަކޮށް ކުރިޔަށްގެންދާ މުބާރާތެކެވެ.

މޯލްޑިވްސް އިނޮވޭޝަން ކުއެސްޓަކީ ރާއްޖޭގައި އީޖާދީ އުފެއްދުންތައް އުފެއްދުމަށް ބޭނުންވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވާދަވެރި މާހައުލެއްގައި އެފަރާތްތަކުގެ އުފެއްދުންތައް ދައްކާލައި، އުފެއްދުންތައް ކުރިއެރުވުމަށް ބޭނުންވާ ފައިސާ އަދި ވަސީލަތްތައް ހޯދުމަށް މަގުފަހި ކޮށްދިނުމަށް ކުރިޔަށްގެންދާ މުބާރާތެކެވެ.

މި މުބާރާތުގެ ދެ ބުރު ކޮންމެ އަހަރުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މޯލްޑިވްސް އިނޮވޭޝަން ކުއެސްޓްގެ ފުރަތަމަ ބުރު ބާއްވާނީ ފެބްރުއަރީމަހު އަދި 2 ވަނަ ބުރު އޯގަސްޓުމަހުއެވެ.

ފެބްރުއަރީމަހު 20 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް އިނޮވޭޝަން ކުއެސްޓަށް ފުރަތަމަ ބުރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އީޖާދުތަކުގެ ޕްރޮޕޯޒަލްތައް ހުށަހެޅުމުގެ ފުރުސަތު މިހާރު މިވަނީ ހުޅުވާލާފައެވެ. އަދި މިމުއްދަތުގައި ހުށަހަޅާ އުފެއްދުންތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އީޖާދު ހޮވުން އޮންނާނީ ފެބްރުއަރީ 25 ގައެވެ. މިއަށްފަހު އެސްއެމްއީ އިނޮވޭޝަން ފަންޑުން ހޮވާ ޖަޖުންގެ ޕެނަލަކުން މިމުބާރާތުގައި ބައިވެރިކުރާ އެންމެ ފާހަގަކުރެވޭ އުފެދުން ހޮވުމަށްފަހު އިއުލާން ކުރާނީ ފެބްރުއަރީ 27 ވަނަ ދުވަހުއެވެ.

މޯލްޑިވްސް އިނޮވޭޝަން ކުއެސްޓްގެ ފުރަތަމަ ބުރުން އެންމެ ފާހަގަކުރެވޭ އީޖާދުތައް ހުށަހާޅާ ފަރާތްތަކަށް އެފަރާތްތަކުގެ އުފެއްދުންތައް އުފައްދާ، ކުރިއެރުވުމަށް އިކުއިޓީ ފަންޑިން އަދި ވަސީލަތްތައް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން މި މުބާރާތުގައި ބައިވެރިކުރާ އުފެއްދުންތަކުގެ ތެރެއިން ޖަޖުންގެ މެނަލަކުން ޝޯޓް ލިސްޓުކުރާ އުފެއްދުމެއް އުފައްދާ ފަރާތަކަށް ދުބާއީގައި ބާއްވާ އީޖާދީ އުފެއްދުންތަކުގެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތުވެސް ލިބިގެން ދާނެއެވެ.

ދުބާއީގައި ބާއްވާ އެނުއަލް އިންވެސްޓްމަންޓް މީޓިން، އެއިމްސް 2020 ގައި ބައިވެރިކުރާ އެންމެ ފަހަގަކުރެވޭ އުފެއްދުމަކަށް 50 ހާސް ޑޮލަރުގެ ފައިސާގެ އިނާމު ލިބޭނެއެވެ.

މޯލްޑިވްސް އިނޮވޭޝަން ކުއެސްޓްގެ ދެވަނަ ބުރު އިއުލާންކުރާނީ އޯގަސްޓުމަހުއެވެ.

މޯލްޑިވްސް އިނޮވޭޝަން ކުއެސްޓަކީ 100 އިންސައްތަ ސަރުކަރު ހިއްސާވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓު ކޯޕަރޭޝަނުން އިއުލާންކޮށްފައިވާ އިނޮވޭޝަން ފަންޑުގެ ދަށުން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިމުބާރާތް މެދުވެރިކޮށް އެކި ދާއިރާތަކަށް ހާޢްސަކޮށް އީޖާދީ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އެކި ގޮތް ގޮތުން އެހީތެރިވުމަށް ވަނީ ނިންމާފައެވެ.