ޚަބަރު

ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލަ: ރައީސް ނަޝީދު


ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލަ ކަމަށާއި، އެކަން ހައްލުވާނީ ލާމަރުމަރުކަޒީ ނިޒާމްގެ ތެރެއިން ރައްޔިތުން ގުޅިގެން އެކަތިގަޑެއްގެ ގޮތުގައި މަސައްކަތްކޮށްގެންކަމަށް، ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ބ.މާޅޮހުގައި ހެދި އީކޯ ސެންޓްރޯ ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ރައްޔިތުންގެ މަޖިލީހު ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އީކޯ ސެންޓްރޯގެ މަސައްކަތް ކުރާތަން ފެނި އަދި އެ ތަން ހުޅުވުމުގެ ޝަރަފް ލިބުން އެއީ އުފާކުރައްވާ ކަމެއް ކަމަށާއި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން މިކަން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރެވެން ޖެހޭނެ ކަމަށެވެ.

ބ.މާޅޮސް ކަހަލަ އާބާދީ ކުދި ރަށްތަކުގައި މިކަން ކުރަން ފެށުމަކީ މުޅި ރާއްޖެ މިސާލެއްގެ ގޮތުގައި ނަގަން ޖެހޭކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިކަން އެންމެން ގުޅިގެން ނުކުރެވެންވީ ސަބަބެއްނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ،

ރާއްޖެއަށް މިހާރު ދިމާވެފައިއޮތް އެންމެބޮޑު އެއް ގޮންޖެހުމަކީ، އުފެއްދޭ ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް އުފެއްދިފައި ނެތުން ކަމަށާއި، އެކަން ހައްލުކުރުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ތަކެތި މާލެ އާއި ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ބޭނުންކުރުން ނުހުއްޓުވުނު ކަމަށާއި މާޅޮހު ކައުންސިލާއި ރައްޔިތުންނާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމަކީ ސަރުކާރުން ބަލައިގަންނަ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝިދު ވިދާޅުވީ ކުނީގެ މިމައްސަލަ ކުރިމަތިވީ ދިވެހިންގެ ދިރިއުޅުމަށް އައިބަދަލާއި ގުޅިގެންކަމަށާއި، ރާއްޖެއެތެރެ ކުރެވުނު ތަކެތީގެ ސަބަބުން ރާއްޖޭގެ ސާފު މޫދާއި ގޮޑުދޮށްތައް ހަލާކުވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުނީގެ ސަބަބުން މުޅިދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކައުންސިލްތައް ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަށް ނަޝީދުވަނީ އިލްތިމާސްކޮށްފައެވެ.

ބ.މާޅޮހަކީ މީގެ އަހަރުތެކެއް ކުރިން ކުނި މެނޭޖް ކުރުމުގައި ރާއްޖެއަށް މިސާލު ދައްކަމުންދާ ރަށެކެވެ. މާޅޮހުގައި ހުޅުވި އީކޯ ސެންޓްރޯއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި ހެދި މިފަދަ ފުރަތަމަ މަރުކަޒެވެ.