ކުރިއަށް އޮތް ފުޓްބޯޅަ ސީޒަންގެ ދިވެހި ޕްރިމިއަރ ލީގުގެ މެޗުތއް އެއްފަހަރާ ދެ ދަނޑުގައި ކުޅެވޭނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ޤައުމީ ފުޓްބޯޅަ ޓީމުގެ އައު ކޯޗަކަށް ނެދަލޭންޑްސްގެ މާޓިން ކޫޕްމަން ހަމަޖައްސައި އެކަން އިޢުލާން ކުރުމަށް އެފްއޭއެމްގައި ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، އަންނަ ސީޒަނުގައި ގަލޮޅު ދަނޑުގެ އިތުރުން ހުޅުމާލޭ ދަނޑުގައި މެޗުތައް ކުޅުމަށް ޔޫތު މިނިސްޓްރީއާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބައްސާމް ވިދާޅުވީ މިދިޔަ ހަފްތާ ތެރޭގައި ގަތަރުން ވިނައިގެ އެކްސްޕާޓުންތަކެއް އައިސް ހުޅުމާލޭގައި މިހާރު އޮތް ދަނޑުގެ ވިނަގަނޑު ބަލާފައިވާކަމަށެވެ. ބައްސާމް ވިދާޅުވީ އަންނަ ސީޒަން ފެށެންވާއިރަށް ހުޅުމާލޭގައި އޮތް ދަނޑުވެސް ލީގު ކުޅެވޭ ފެންވަރަށް ތަރައްޤީ ކުރެވިގެން ދާނެކަމަށާއި، އޭރަށް ލީގުގައި އެއް ދުވަހު 4 މެޗު ކުޅެވިގެންދާނެކަމަށެވެ.
"ދެން އަޅުގަނޑާއި ސްޕޯޓްސް މިނިސްޓަރ މި ފަހު ދެކެވުނު ވާހަކައިގައި އިރާދުކުރެއްވީޔާ އަންނަ ސީޒަންގައި ދެ ދަނޑެއްގައި މެޗުތައް ކުޅެވިގެން ދާގޮތަށް މިނިސްޓަރ ވިދާޅުވެފައި އޮތީ ހަމަޖައްސަވައިދެއްވާނެކަމަށް. އެއީ ގަލޮޅު ދަނޑާއި ހުޅުމާލޭގައި މި އޮތް ޓްރެކް ދަނޑުގައި މި އޮތް ވިނަގަނޑު. މިދިޔަ ހަފްތާ ތެރޭގައި ޤަތަރުން ވިނައިގެ އެކްސްޕާޓުންތަކެއް އައިސް އެ ދަނޑު ބަލާއި އިތުރަށް ކުރަންވާ ކަންތައްތައް ބަލައި ނިންމާފައި. އިރާދުކުރެއްވީޔާ އަންނަ ސީޒަން ފެއްޓެން ވާއިރަށް ލީގު ކުޅެވޭ ފެންވަރަށް މި ދަނޑުވެސް ހެދިގެންދާނެ." ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ، ދެ ދަނޑުގައި ލީގު ކުޅެވޭގޮތް ވެއްޖެނަމަ، ސީޒަން ކަލަންޑަރަށްވެސް ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށެވެ. އަދި މީގެ ސަބަބުން އިތުރު މުބާރާތްތަކެއް ކުރިޔަށްގެންދިޔުމަށް ފަސޭހަވެގެންދާނެކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.
ރާއްޖޭގައި ރަސްމީ ފެންވަރުގެ މެޗުތައް މިހާތަނަށް ކުޅެމުން އައިސްފައިވަނީ ގަލޮޅު ދަނޑުގަ އެވެ. ނަމަވެސް 1970ގެ ތެރޭގައި އެޅި ދަނޑު މިހާރު ވަނީ ބާވެ ވަރަށް ބޮޑަށް ވީރާނާވެފަ އެވެ. ދަނޑުގެ ހަތަރު ސިޑިބަރީގެ ތެރެއިން ދެ ސިޑިބަރި ބޭނުންކުރެވޭވަރަށް ވުރެ ބޮޑަށް ހަލާކުވެފައިވާތީ މިހާރުވަނީ އެއްކޮށް ބަންދުކޮށްފަ އެވެ.