ދުނިޔެ

ޔޫރޯ ޒޯންގެ އިސްވެރިންގެ ސަމިޓް މިއަދުވެސް ކުރިޔަށް ގެންދަނީ


ގްރީސްގެ ދަރަނީގެ މައްސަލަ ހައްލުކުރުމާބެހޭގޮތުން ފަށާފައިވާ ޔޫރޯ ޒޯންގެ އިސްވެރިންގެ ސަމިޓް މިއަދުވެސް ކުރިޔަށްދާނެ ކަމަށް ޚަބަރު ލިބިއްޖެއެވެ.ޔޫރޯ ޒޯންގެ ގައުމުތަކުގެއިސްވެރިން މަޝްވަރާ ކުރައްވަނީ ގްރީސްގެ ދަރަނީގެ މައްސަލަ ހައްލުކުރުމާބެހޭގޮތުން، ޔޫރޯ ޒޯންގެ މާލީ ވަޒީރުން ހުށަހެޅި އައު ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމަށެވެ.މި ސަމިޓްގެ އަރިމަތީގައި އިއްޔެވަނީ ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލާ މާކަލް އާއި ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް، ގްރީސްގެ ބޮޑުވަޒީރު އެލެކްސިސް ސިޕްރާސް އާ ބައްދަލުކުރައްވައި އެގައުމު މާލީގޮތުން ސަލާމަތް ކުރުމުގެ އައު އެއްބަސްވުމަކާބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.ދަރަނީގެ މައްސަލަ ޙައްލުކުރުމަށް ގްރީސްއިން ހުށަހެޅި އިސްލާޙް ތަކުގެ ތެރޭގައި ދިފާއީ ޚަރަދުތައް ކުޑަކުރުމާއި ޓެކްސް އިތުރުކުރުމާއި ޕެންޝަންގެ ޚަރަދުތައް ކުޑަކުރުން ހިމެނެއެވެ. ގްރީސްގެ އިގްތިސާދު ނެގެހެއްޓުމަށް ބޭނުންވާ އިތުރު ލޯނުތައް ލިބޭނީ ޔޫރޯ ޒޯންގެ ސަމިޓުން ނިންމާ ނިންމުމެއްގެ މަތިންކަމަށް ޚަބަރު ލިބެއެވެ.