ދިވެހި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާން އުމުރުގެ މީހުން ކަމަށްވާއިރު އާބާދީގެ %82 މީހުން ބަލިވެގެން، އަހަރެއްގެ ތެރޭގައި މަދުވެގެން 8 ފަހަރު އާސަންދައިގެ ހިދުމަތް ހޯދަން ޖެހުމަކީ ރާއްޖޭގެ އާބާދީގެ ސިއްހީ ދުޅަހެޔޮކަމާ މެދު ފުންކޮށް ވިސްނައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމެއްކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު މިހެން ވިދާޅުވީ އާސަންދަ އޮފީހުގެ އޮޑިޓް ރިޕޯޓްގައެވެ.އާބާދީގެ 82 އިންސައްތަ މީހުން 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު މަދުވެގެން އަށް ފަހަރު އާސަންދައިގެ ހިދުމަތް ހޯދާފައިވާ ކަމަށް އެ ދެ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ.އާސަންދަ އޮޑިޓް ރިޕޯޓުގައި، ބުނެފައި ވަނީ އާސަންދައިގެ ދަށުން އެންމެ ބޮޑު ހަރަދެއް 2012 އަދި 2013 ވަނަ އަހަރު ވެސް ހިނގާފައި ވަނީ އެޑްމިޓްނުކޮށް، ޑޮކްޓަރަށް ދެއްކުމާއި ތަހުލީލްތައް ހެދުމަށް ކަމަށެވެ. އަދި އޭގެތެރެއިން %82 މީހުން އަަހަރަކު 8 ފަހަރު ޑޮކްޓަރަށް ދައްކައި ތަހްލީލްތައް ހެދުމާއި ބޭހަށް 2012 ވަނަ އަހަރު ޖުމްލަ 524.4 މިލިއަން ރުފިޔާ ހަރަދުކުރައްވާފައިވާ ކަމަށެވެ.މީގެ އިތުރުން 2013 ވަނަ އަހަރު މިކަމަށް 509.3 މިލިއަން ރުފިޔާ ހޭދަވެފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ.އޮޑިޓް ރިޕޯޓުގައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، 2012 ވަނަ އަހަރު އެޑްމިޓްނުކޮށް ހޯދާފައިވާ ހިދުމަތްތަކަށް 387 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު ޖެހިގެން އައި އަހަރު 355 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.ރާއްޖެ އިން ބޭރުން ބޭސްކުރަން 2012 ވަނަ އަހަރު 73 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު 2013 ގައި 88 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ހާމަކުރައްވާފައިވެއެވެ.އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި އާސަންދަ ހިދުމަތަށް 2012 ގައި ޖުމްލަ 844 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު 2013 ގައި 816 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.އާސަންދަ ހެލްތު ސްކީމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްކުރެވޭ ނިޒާމަކަށްވާއިރު އިތުރު އިންޝުއަރެންސް ޕޮލިސީތަކަށް ދައުލަތުން ހަރަދުކުރާތީ އެކަން ފާހަގަކޮށް އޮޑިޓަރ ޖެނެރަލް ވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.އެގޮތުން އާސަންދަ ކުންފުންޏަށް ސަރުކާރުން ދައްކާ ޕްރިމިއަމް ފައިސާ ހިސާބުކޮށްފައި ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ހިމެނޭ ގޮތަށް ކަމަށްވެފައި، ސަރުކާރުގެ އެގްޒެކެޓިވް ބްރާންޗުގައި ހިމެނޭ އޮފީސްތަކާއި މުސްތަގިއްލު މުއައްސަސާތަކާއި ކައުންސިލްތަކުގެ އިސްވެރިންނަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މުސާރައިގެ އޮނިގަނޑުގެ ދަށުން އެ މަގާމްތައް ފުރުއްވާ ބޭފުޅުންނަށާއި އެ ބޭފުޅުންގެ އާއިލީ މެމްބަރުންނަށް ވަކިން މެޑިކަލް އިންޝުއަރެންސް ނިޒާމެއް ހަމަޖައްސާފައިވާކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން އާސަންދަ ސްކީމް ހިންގަން ސަރުކާރުން ކުރާ ހޭދައިގެ އިތުރުން އިންޝުއަރެންސްގެ ނިޒާމްތަކަށް ސަރުކާރުން 16.8 މިލިއަން ރުފިޔާ 2012 ވަނަ އަހަރު ހަރަދުކޮށްފައިވާކަމަށްވެސް އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވެއެވެ. އަދި 2013 ގައި 12.5 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހުނުކަންވެސް ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ.2012 ވަނަ އަހަރާ 2013 އަދި 2014 ވަނަ އަހަރު އާސަންދަ ހިންގައިފައިވަނީ އެލައިޑް އިންޝުއަރެންސްގެ ބެލުމުގެ ދަށުން އާސަންދަ ޕްރައިވެޓް ލިމިޓެޑް ނަމުގައި ނަމަވެސް މިއަހަރުގެ މާޗް މަހު ސަރުކާރުންވަނީ އާސަންދަ ވަކި ކުންފުންޏަކަށް ބަދަލުކޮށް އާސަންދައިގެ ނަން އާސަންދަ ކޮމްޕެނީ ލިމިޓެޑަށް ބަދަލުކުރައްވާފައެވެ.