މާޒިޔާއިން އެޓީމުގެ ޑިފެންސްލައިން ވަރުގަދަ ކުރުމަށް އަފްޣާނިސްތާންގެ ޤައުމީ ޓީމުގެ ޑިފެންޑަރެއް އެޓީމަށް ގެނެސްފިއެވެ.
ދިރާގު ދިވެހި ލީގުގައި އެއްވަނައިގައި އެގާރަ ޕޮއިންޓުގެ ލީޑަކާ އެކު އޮތް މާޒިޔާއިން އެޓީމު ވަރުގަދަ ކުރުމަށް ގެނައީ އަފްޣާނިސްތާންގެ ޤައުމީ ޓީމަށް ކުޅެމުން އަންނަ މުހައްމަދު ޝަރިފްއެވެ. މާޒިޔާއިން ވަނީ ކުޅުންތެރިޔާ ޓީމާ ގުޅުނުކަން ރަސްމީކޮށް އިޢުލާންކޮށްފައެވެ.
ޝަރިފް އަންނަނީ 2015 ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާންގެ ޤައުމީ ޓީމަށް ކުޅެމުންނެވެ. އޭނާ ވަނީ ރާއްޖޭ މާޒިޔާ ގުޅުމުގެ ކުރިން ޔޫރަޕްގެ ޤައުމުތަކުގެ ކުލަބުތަކަށް ކުޅެފައެވެ. އެގޮތުން ރަޝިޔާ، ސްވިޑެން އަދި ސައިޕްރެސްގެ ކުލަބުތަކަށް ޝަރިފް ކުޅެފަވެއެވެ.
ޝަރިފްއާކު މާޒިޔާއަށް މިސީޒަނަށް ގެނައި ބިދޭސީ ކުޅުންތެރިންގެ އަދަދު ތިނެއްކަށް ވަނީ އަރަފާއެވެ. އެޓީމުން ވަނީ ސީޒަން ފެށުމުގެ ކުރިން އަފްޣާނިސްތާންގެ ޤައުމީ ޓީމުގެ ގޯލްކީޕަރު އޮވޭސް އަޒީޒީ އާއި ސެއިން ވިސެންޓްގެ ފޯވާޑް ކޯނިލިއަސް ސްޓެވާޓް ޓީމަށް ގެނެސްފައެވެ. މިއީ ކޯނޭ މާޒިޔާއެކު ހޭދަކުރާ ދެވަނަ ސީޒަންއެވެ.
މާޒިޔާއިން އެޓީމު ވަރުގަދަ ކުރަމުންމިދަނީ އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ޕްރިމިލަނަރީ ބުރުގެ ދެވަނަ ބުރުގައި ވާދަކުރަން ޖެހެމުންނެވެ. އެޓީމު ދެވަނަ ބުރުގައި އަންނަ ފެބްރުވަރީ މަހު ވާދަކުރާނީ ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީ ދެކޮޅަށެވެ. ލީގުގައި އެޓީމުން އަންނަ ބުރާސްފަތި ދުވަހުގެރޭ ނުކުންނާނީ ޗެމްޕިއަން ޓީސީ ދެކޮޅަށެވެ.