އޭއެފްސީގެ ރައީސްގެ ޙާއްސަ ޕްރޮޖެކްޓެއް ކަމަށްވާ އޭއެފްސީ ޕްރެޒިޑެންޓްސް އިންފްރާސްޓްރަކްޗަރ އިނީޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުން އަޅާ ވިލިމާލޭގައި ފުޓުބޯޅަ ޓްރެއިނިން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
ޓްރެއިނިން ސެންޓަރުގެ ބިންގާ އެޅުމަށް ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި އެފްއޭއެމްގެ އިސްވެރިންނާއި ޔޫތު މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން ވިލިމާލޭގައި ދިރިއުޅޭ ފުޓުބޯޅަ އާއިލާގެ ކުޅުންތެރިންނާއި ފުރަތަމަ ޑިވިޝަނުގެ ބައެއް ކޯޗުން ބައިވެރިވިއެވެ.
ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށް ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑަށް މި މަސައްކަތް ހަވާލުކޮށްފައިވާއިރު، މި ޕްރޮޖެކްޓްގެ ދަށުން ޓާފް ބޮޑު ދަނޑެއްގެ އިތުރަށް އެކޮމޮޑޭޝަން ބިލްޑިން އަކާއި ފެސިލިޓީ ބިލްޑިންއެއް އެޅުމަށް ވަނީ ނިންމާފައެވެ.
މީގެއިތުރުން ފެސިލިޓީ ބިލްޑިންގައި ހިމެނެނީ 2 ޗޭންޖިން ރޫމާއި 2 ޕަބްލިކް ޓޮއިލެޓްގެ އިތުރުން ރެފްރީންނަށް ހާއްސަ ރޫމް އަކާއި މެޗު ކޮމިޝަނަރަށް ހާއްސަ ރޫމެއްގެ އިތުރުން ކުޅުންތެރިންނަށް އެސެމްބަލް އޭރިއާއެކެވެ. މީގެއިތުރުން މެޑިކަލް ފެސިލިޓީސް ވެސް މި ބިލްޑިންގައި ގާއިމުވެގެންދާނެކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.
މި ދަނޑު އެޅުމަށް ހަރަދުކުރަނީ އޭއެފްސީގެ އިތުރުން އެފްއޭއެމުންނެވެ. މިއީ އޭއެފްސީގެ މިންގަނޑުތަކަށް ފެތޭގޮތަށް އަޅާ ފެންވަރު ރަނގަޅު ތަނެކެވެ.