ސައުތް އޭޝިއަން ގޭމްސްގެ ތާރީޙުގައި ރާއްޖޭގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް ކާމިޔާބު ލިބުނީ އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް އިތުބާރުކޮށް ކުޅުމުން ކަމަށާއި، ކުރިޔަށް އޮތްތާގައިވެސް ބޭނުންވަނީ ޒުވާން ކުޅުންތެރިންނާއެކު ކުޅެ އިތުރު ކާމިޔާބީތައް ހޯދަން ކަމަށް ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ފާތިމަތު ރިޝްމާ ބުނެފިއެވެ.
ސައުތް އޭޝިއަން ގޭމްސްގައި ފުރަތަމަ ފަހަރަށް މެޑަލްއެއް ރާއްޖޭގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ހޯދިއިރު، ޓީމުގައި ގިނައީ ޒުވާން ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ.
ބޫޓާން ބަލިކޮށް ލޯ މެޑަލް ހޯދުމަށް ފަހު ވާހަކަ ދައްކަމުން ފާތިމަތު ރިޝްމާ ބުނީ، މި ނަތީޖާގެ ސަބަބުން ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ހައިރާންވެފައި ކަމަށާއި، މި ކާމިޔާބަކީ ކޯޗުގެ އިރުޝާދުގެ ދަށުން ހުރިހާ ކުޅުންތެރިން އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުން ލިބުނު ކާމިޔާބެއް ކަމަށެވެ.
ރިޝްމާ ބުނީ އެންމެ ފުރަތަމަ ޤައުމީ ޓީމު މި މުބާރާތައް ފަރިތަކުރުންތައް ފެށިއިރު ތިބީ ވަރަށް މަދު ކުޅުންތެރިންކަމަށާއި، ފަހުން ޓީމު ހަމަކޮށް އިތުބާރާއެކު މަސައްކަތް ފެށުމުން ކާމިޔާބު ހޯދޭނެކަމުގެ ޔަގީންކަން އޮތްކަމަށެވެ. ރިޝްމާ ބުނީ ޓީމުގެ ޓާގެޓަކީ ލޯ މެޑަލްއަށް ފަހު ރިހި އަދި ރަން މެޑަލް ވެސް ހޯދުންކަމަށާއި، ޓީމުގައި މިހާރު ތިބި ސީނިއަރ ކުޅުންތެރިންވެސް ބޭނުންވަނީ ޒުވާން ކުޅުންތެރިންނާއެކު އިތުރު ކާމިޔާބީތައް ހޯދަން ކަމަށެވެ.
"ހުރިހާ އެންމެންވެސް ތިބީ ވަރަށް އެކްޒައިޓްވެފައި. މިއީ ހުރިހާ އެންމެންގެވެސް މިންނެތް މަސައްކަތްމީ ކޯޗުމެންގެ އިރުޝާދާއެއްކޮށް ކުޅެފައި ފެމިލީއެއް ގޮތުގައި އޮތީމަ މި ކާމިޔާބު އަސްލު މި ނެރެވުނި. ވަރަށް ހެޕީ އަސްލު. ފުރަތަމަ ފެށިއިރު ވަރަށް މަދުކޮށް ކުޅުންތެރިން އުޅުނީ. ދެން އެކަމު ފަހަށް އައިސް އެކަކު އަނެކަކަށް ޓްރަސްޓްކޮށް، މިކަން ވާނެކަން އަހަރުމެންނަށް އިނގުނު ދޯ. އެހެންވީމަ އަޅުގަނޑުމެން ފެށި ފުރަތަމަ ބްރޯންޒް ހޯދުމަށް ފަހު ސިލްވަރ އަކަށް ފަހު ގޯލްޑް އަކަށް ދާން. ހުރިހާ އެންމެވެސް ބޭނުންވަނީ އަރަމުން އަންނަ ކުޅުންތެރިންނާއެކު އެއްކޮށް އަހަރުމެން ސީނިއަރ ކުޅުންތެރިން ކުޅެން ބޭނުންވަނީ. އެހެންވީމާ އެ ކުދިންނަށް މި ފުރުސަތު ދީގެން އަހަރުން ރިޕްލޭސް ކުރަން." ނޭޕާލްގައި ކުރިޔަށްދިޔަ ސައުތް އޭޝިއަން ގޭމްސްގައި މޮޅު ކުޅުމެއް ދެއްކި ރިޝްމާ ބުންޏެވެ.
ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ މަސައްކަތް ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ފެށީ މިއަހަރުގެ މެއި މަހުއެވެ. އޭގެ ފަހުން ހދ.ކުޅުދުއްފުށީގައި ކޭމްޕްކޮށް ޓްރެއިނިން ހަދާފައިވާއިރު އޭގެ ފަހުން ޤައުމުން ބޭރުގައި ތައިލެންޑްއާއި ޗައިނާގައި ޤައުމީ ޓީމު ވަނީ މުހިއްމު ޓްރެއިނިންގ ކޭމްޕްތަކެއް ފުރިހަމަކޮށްފައެވެ.