ކުޅުދުއްފުށީގެ ތާރު އެޅި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.
ކުޅުދުއްފުއްޓަކީ ވިއްސާރަ މޫސުމަށް ބެންބޮޑުވުމުގެ އުނދަގުލާ ކުރިމަތިވާ ރަށަކަށްވާއިރު އެރަށު ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ތާރު މަގުތަކުގައި ފެންބޮޑުވަނީ ކާނުތަކުން ފެން ހިނދޭނެ އިންތިޒާމެއް ގާއިމްކޮށްފައި ނުވާތީކަމަށެވެ. އެހެންވުމުގެ ސަބަބުން ވިއްސާރަ މޫސުމަށް ތާރު ނާޅާ މަގުތަކެކޭ އެއްގޮތަށް ތާރު އަޅާފައިވާ މަގުތަކުގައިވެސް ފެންބޮޑުވަމުންދާކަމަށް ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ.
ބަޖެޓް ނެތުމުން މިކަން ހައްލުކުރުމަށް ބޮޑު މަޝްރޫޢެއް މިވަގުތު ހިންގެން ނެތަސް، ފެންބޮޑުވުމުން ރައްތިތުންނަށް ލިބޭ ގެއްލުމާއި ދިމާވާ ދަތިތަކަށް ހައްލެއް ނުހޯދާ ތިބެވެން ނެތްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިމައްސަލައަށް ހައްލެއް ހޯދުމަށް ރަށުގެ އިރުމަތި ފަރާތުން ހޭޅިތެރޭގައި ބޮޑު ވަޅުގަނޑެއްކޮނެ ހޮޅިއަޅައިގެން ކާނުތަކުން އެވަޅުގަނޑަށް ފެން ހިނދޭނެ އިންތިޒާމް ހަމަ ޖެއްސުމުގެ މަސައްކަތް ކުޅުދުއްފުށީ ޕަބްލިކް ވޯކްސްއާއި ހަވާލުކޮށްގެން މިހާރު ކުރިއަށް ގެންދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާރު ކުރިއަށްދަނީ އިރުމަތި ފަރާތުގެ މަސައްކަތް ކަމަށާއި އެފަރާތުގެ މަސައްކަތް ނިމުމުން ހުޅަނގު ފަރާތުގެ މަސައްކަތް ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ވިއްސާރަ މޫސުމަށް އެންމެ ބޮޑަށް ރަށުގައި ފެންބޮޑުވެ ގެއްލުން ލިބޭ ސަރަހައްދުގައިވެސް ހޮޅިލައިނެއް ވަޅުލައި އެސަރަހައްދަށްވެސް މިފަދަ ވަގުތީ ހައްލެއް ހޯދުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ކުޅުދުށްފުށީގެ ބައެއް މަގުތަކަކީ ތާރު އަޅައިގެން ތަރައްގީ ކޮށްފައިވާ މަގުތަކަކަށްވާއިރު އަންނަ އަހަރުގެ ބަޖެޓުގައިވެސް ކުޅުދުއްފުށީގެ މަގުހެދުމާއި ފެން ހިންދާ ނިޒާމް ގާއިމް ކުރުމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ.