ނޭޕާލްގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓް އިވެންޓުން ލޯ މެޑަލް ރާއްޖޭގެ ޤައުމީ އަންހެން ބާސްކެޓް ބޯޅަ ޓީމުން ހޯދައިފިއެވެ.
ނޭޕާލްގެ ކަތަމަންޑޫގެ ކަވާޑް ހޯލުގައި މިއަދު ހެނދުނު ކުޅުނު ތިންވަނަ ހޮވާ މެޗުގައި ބޫޓާން ބަލިކޮށް ރާއްޖެއިން ލޯ މެޑަލް ހޯދި 46 ޕޮއިންޓް 83 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ 1 ވަނަ ކުއާޓާގައި ލީޑުގައި އޮވެގެން ގިނަ ވަގުތު ކުޅުނު ބޫޓާންއިންނެވެ. ބޫޓާންގެ ފަރާތުން ފުރަތަމަ ކުއާޓާގައި ވަނީ ވަރަށް އަވަސް ކުޅުމެއް ފެނިގެން ގޮސްފައެވެ. ރާއްޖެއަށް ފުރަތަމަ ކުއާޓާގައި ލީޑު ހޯދާ ހަމަޖެހިލެވުނީ ފަހު ދެ މިނެޓުގެ ތެރޭގައެވެ. މެޗުގެ ފުރަތަމަ ކުއާޓާ ރާއްޖެ ކުރީގައި އޮތީ 21 ޕޮއިންޓް 14 ޕޮއިންޓުންނެވެ.
މެޗުގެ 2 ވަނަ ކުއާޓާގައި ރާއްޖެއިން ވަނީ ފުރަތަމަ ކުއާޓާއަށް ވުރެ ކުޅުން ރަނގަޅުކޮށް ލީޑު ގެއްލުނަ ނުދީ ހިފަހައްޓާފައެވެ. އެގޮތުން ދެވަނަ ކުއާޓާގައި އިސްރާއު އާއި ހައުމާގެ އިތުރުން ރައިފާ ވަނީ ލީޑު ފުޅާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މެޗުގެ ފުރަތަމަ ކުއާޓާ 7 ޕޮއިންޓްގެ ލީޑެއްގައި އޮވެ ނިންމާލި ނަމަވެސް ދެވަނަ ކުއާޓާ ނިންމާލި އިރު ރާއްޖެއިން ވަނީ 22 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. މެޗުގެ ދެވަނަ ކުއާޓާ ނިމުނީ 49 ޕޮއިންޓް 27 ޕޮއިންޓުން ދިވެހިރާއްޖެ ކުރީގައި އޮވެގެންނެވެ.
މެޗުގެ 3 ވަނަ ކުއާޓާގައި ރާއްޖެއިން ވަނީ ހަމަޖެހިލައިގެން ކުޅެ ގިނަ ޕޮއިންޓްތަކެއް ހޯދާ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ކުއާޓާ ނިމުނުއިރު ރާއްޖެ ކުރީގައި އޮތީ 69 ޕޮއިންޓް 33 ޕޮއިންޓުންނެވެ.
މެޗުގެ 4 ވަނަ ކުއާޓާ ފަށައިގެން ބޮޑު ލީޑެއްގައި އޮތުމާއެކު ކޯޗު ވަނީ ބެންޗުގައި ތިބި ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދީފައެވެ. ރާއްޖެއިން މެޗު ކާމިޔާބުކުރީ 83 ޕޮއިންޓް 46 ޕޮއިންޓުންނެވެ.
މި މެޗުގައި ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ ރާއްޖެއަށް 28 ޕޮއިންޓް ހޯދައިދިން ފާތިމަތު ރިޝްމާއެވެ.
މި ކާމިޔާބަކީ ރާއްޖޭގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް ސައުތް އޭޝިއަން ގޭމްސްގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.
މިއަހަރުގެ މެއި މަހުން ފެށިގެން ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ދިޔައީ ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ގެންދަމުންނެވެ. އޭގެ ތެރޭގައި ހދ.ކުޅުދުއްފުށީގައި ކޭމްޕްކުރުމަށް ފަހު ތައިލެންޑާއި ޗައިނާގައިވެސް 10 ދުވަހުގެ ޓްރެއިނިންގ ކޭމްޕެއް ފުރިހަމަކޮށްފައެވެ.
މި މެޑަލްއާއެކު މިފަހަރުގެ ސަައުތް އޭޝިއަން ގޭމްސްގައި ރާއްޖެއިން ހޯދި މެޑަލްގެ އަދަދުވަނީ ފަހަކަށް އަރާފައެވެ.