ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: ފުރަތަމަ ފަހަރަށް އަންހެނުންގެ ބާސްކެޓް ޓީމު ސެމީ ފައިނަލަށް


ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓްބޯޅަ އިވެންޓްގެ ސެމީ ފައިނަލަށް ދިވެހިރާއްޖެ ދަތުރުކޮށްފިއެވެ.

ރާއްޖޭގެ އަންހެނުންގެ ޤައުމީ ބާސްކެޓްބޯޅަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި މިއަދު ސްރީލަންކާ 69 ޕޮއިންޓް 64 ޕޮއިންޓުން ބަލިކޮށްގެންނެވެ.

ދިވެހިރާއްޖެއާއި ސްރީ ލަންކާ ބައްދަލުކުރި މެޗުގެ ފުރަތަމަ ކުއާޓަރ ރާއްޖޭން ކާމިޔާބުކުރީ 18 ޕޮއިންޓް 9 ޕޮއިންޓުންނެވެ.

ފުރަތަމަ ކުއާޓަރއެކޭ އެއްގޮތަށް ދެވަނަ ކުއާޓަރ ވެސް ފަސޭހަ ކަމާއެކު ދިވެހި ޓީމުން ކާމިޔާބުކުރިއެވެ. އެއީ 38 ޕޮއިންޓް 25 ޕޮއިންޓުންނެވެ.

މެޗުގެ ފުރަތަމަ ދެ ކުއާޓަރ އާއި ޙިލާފަށް ތިންވަނަ ކުއާޓަރ ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެގޮތުން މެޗުގައި ފުރަތަމަ ފަހަރަށް ލަންކާއިން ނަތީޖާ ހަމަހަމަކުރީވެސް ތިންވަނަ ކުއާޓަރގައެވެ. އެއީ 42 ވަނަ ޕޮއިންޓުންނެވެ. އަދި އޭގެ ފަހުން ލަންކާއިން ވަނީ ދިވެހި ޓިމުގެ މައްޗަށް ލީޑުވެސް ނަގާފައެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވަނީސް ރާއްޖެއިން ވަނީ 6 ޕޮއިންޓްގެ ލީޑެއް ސްރީ ލަންކާގެ މައްޗަށް ނަގާފައެވެ. ތިންވަނަ ކުއާޓަރ ނިމުނީ 50 ޕޮއިންޓް 44 ޕޮއިންޓުންނެވެ.

މެޗުގެ ފަހު ކުއާޓަރގައި ވެސް ސްރީ ލަންކާއިން ރާއްޖެއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކުރުމާއި ގާތަށް ޖެހިލިއެވެ. ނަމަވެސް ހިތްވަރާއެކު އެންމެ ފަހު ވަގުތާއި ހަމައަށް ކުޅެ 69 ޕޮއިންޓް 64 ޕޮއިންޓުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީއަށް ފުރަތަމަ ފަހަރަށް ރާއްޖެ ވަނީ ދަތުރުކޮށްފައެވެ.

މި މެޗުގައި ދިވެހި ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ފާތިމަތު ރިޝްމާއެވެ. އޭނާ ވަނީ މި މެޗުގައި 21 ޕޮއިންޓް ހޯދައިދީފައެވެ.
ގޭމްސްއަށް ނޭޕާލްއަށް އައުމުގެ ކުރިން ޤައުމީ އަންހެން ބާސްކެޓް ޓީމު ވަނީ ތައިލެންޑާއި ޗައިނާގައި ޓްރެއިނިންގ ކޭމްޕްތަކެއް ފުރިހަމަކޮށްފައެވެ.

މުބާރާތުގެ ސެމީ ފައިނަލު މެޗު ކުޅޭނީ މާދަމާ ހަވީރު ރާއްޖެ ގަޑިން 4:45 ގައެވެ.