ކުޅިވަރު

ބަހަނާ ދެއްކީ ނަތީޖާއިން ރެކިގަންނާކަށް ނޫން: ސެގާޓް


ސައުތު އޭޝިއަން ގޭމްސްގައި ޤައުމީ ފުޓްބޯޅަ ޓީމުން ނެރުނު ނަތީޖާތަކުން ރެކިގަންނަން މަސައްކަތް ނުކުރާކަމަށާއި، މި ނަތީޖާ ބަލައިގަންނަ ކަމަށް ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކަމުގެ މަގާމުން އިއްޔެ ވަކިކުރި ޕީޓަރ ސެގާޓް ބުނެފިއެވެ.

ރަން މެޑަލް ހޯދަން އަމާޒު ހިފައިގެން ގޭމްސަށް ދިޔަ ޤައުމީ ފުޓްބޯޅަ ޓީމު ވަނީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވެ، އަނެއް ދެ މެޗުން ބަލިވެ ހުސްއަތާ މުބާރާތް ނިންމާލާފައެވެ. އެގޮތުން ވޭތިދިޔަ 40 އަހަރުގެ ތެރޭގައި ބޫޓާން އަތުން ބަލިނުވެ އޮތް އޮތުންވެސް ނިމުމަކަށް އައީ ސެގާޓްގެ ކޯޗުކަމުގެ ދަށުން ސައުތް އޭޝިއަން ގޭމްސްގައި ކުޅުނު މެޗުގައެވެ.

މުބާރާތް ބާއްވާ ޤައުމު ނޭޕާލް އަތުން 1-2 އިން ބަލިވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސެގާޓް ބުނީ، މުބާރާތައް ރާއްޖެ ތައްޔާރުވީ، ގްރޫޕް ސްޓޭޖުގައި އިންޑިއާއާ ދެކޮޅަށް ކުޅެ، ދެވަނަ މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅެންކަމަށެވެ. ނަމަވެސް މުބާރާތަށް ނޭޕާލަށް ދިޔަ ފަހުން ފޯމެޓަށް ބަދަލުގެނައި ހިސާބުން ހުރިހާ ޕްލޭނެއް ބަދަލުކުރަން ޖެހެނުކަމަށް ސެގާޓް ބުންޏެވެ. ނޭޕާލު އަތުން ބަލިވިތާ މާ ގިނައިރުތަކެއް ނުވަނީސް މަގާމުން ވަކިކުރި ސެގާޓް ބުނީ ހުރިހާ މައްސަލައަކީ މުބާރާތުގެ ޝެޑިއުލް ބަދަލުކުރުން ކަމަށެވެ. މި ވާހަކަތަކީ ކޮންމެ މެޗަކަށްފަހު ސެގާޓް ދައްކަމުން ގެންދިޔަ ވާހަކަތަކެކެވެ.

ސެގާޓް ބުނީ މި ހުރިހާ ވާހަކަތަކެއް ދައްކަނީ ނަތީޖާއިން ރެކިގަންނަން ނޫންކަމަށާއި، ފުޓްބޯޅައިގައި އެކިފަހަރު ނަތީޖާ ނުކުންނާނީ އެކިގޮތަށް ކަމަށެވެ. އަދި މި ނަތީޖާ ބަލައިގަނެ ނޭޕާލު ޓީމަށް މަރުޙަބާ ކިޔާކަމަށްވެސް ސެގާޓް ވަނީ ނޫސްވެރިން ބައްދަލުވުމުގައި ބުނެފައެވެ.

މާޔޫސްވެފައި ހުރެ ވާހަކަ ދައްކަމުން ސެގާޓް ބުނީ، ޓީމުގައި ގިނައީ ޒުވާން ކުޅުންތެރިން ކަމަށާއި، މި ކުޅުންތެރިންނާއެކު ކުރިޔަށްދާން ވަރަށް މަސައްކަތް ކުރަން ޖެހޭކަމަށެވެ. އަދި ރާއްޖޭގެ ޓާގެޓަކީ އޭޝިއަން ކަޕަށް ކޮލިފައިވުންކަމަށްވެސް މަޤާމުން ވަކިކުރި ސެގާޓް ބުންޏެވެ.

ނޭޕާލްގެ މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުނީ ބައްސާމާ އެކު ކުރަން ޖެހޭ މަޝްވަރާއެއް އެބައޮތް ކަމަށާއި އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ޓީމަށް ކޯޗުކޮށްދީ ކުރިއަށްދާން އުއްމީދުކުރާ ކަމަށެވެ.

"ޓީމުގައި ގިނައީ ޒުވާން ކުޅުންތެރިން. މި ކުޅުންތެރިންނާއެކު ޓީމު އިތުރަށް ކުރިއަރުވަން އެބަޖެހޭ. ދެން މުބާރާތަށް އައީއްސުރެ މި ދައްކަނީ އެއް ވާހަކައެއް. ހުރިހާވެސް މައްސަލައަކީ ޝެޑިއުލް ބަދަލުކުރުން. އަޅުގަނޑުމެން ތައްޔާރުވެގެން ތިބީ އިންޑީއާ އާއި ލަންކާއާ ދެކޮޅަށް ކުޅެން. އިންޑީއާ ވަކިވި ހިސާބުން ނޭޕާލުން ޝެޑިއުލް ބަދަލުކޮށްލީ. މި ހުރިހާ ވާހަކައެއް މި ދައްކަނީ ނަތީޖާއިން ރެކޭކަށް ނޫން.". ސެގާޓް ބުންޏެވެ.


ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގެ ނަތީޖާ ގޯސްވުމުން ސެގާޓް ވަކިކުރީ، އޭނާގެ އިރުޝާދުގެ ދަށުން ސީނިއަރ ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަމުން އަންނަނިކޮށެވެ. ފުރަތަމަ ފަސް މެޗަށް ފަހު ރާއްޖެ އޮތީ ކޮލިފައިންގެ ހަތަރު ވަނައިގަ އެވެ. ރާއްޖޭގެ ޓާގެޓަކީ ބާކީ ތިން މެޗުން ނަތީޖާ ނެރެ، ކޮލިފައިންގެ ތިން ވަނަ ބުރުން ޖާގަ ހޯދުމެވެ.

މިދިޔަ އަހަރު ބަނގްލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕް ރާއްޖެ އަށް ކާމިޔާބުކޮށްދިން ސެގާޓަކީ ފަހަކަށް އައިސް ޤައުމީ ޓީމާ ހަވާލުވި ކޯޗުންގެ ތެރެއިން ސަޕޯޓަރުންގެ އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވި ކޯޗެވެ.

ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޢަލީ އަޝްފާޤް (ދަގަނޑޭ) އަށް ޤައުމީ ޓީމުން ފުރުސަތު ނުދިނުމުން ގިނަ ބައެއްގެ ފާޑު ކިޔުން ސެގާޓަށް އަމާޒުވިއެވެ. އޭގެ ފަހުން ވަރލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެ ކުޅުނު މެޗުތަކުގައި ނެރެނު ނަތީޖާތަކުގެ ސަބަބުންވެސް ގިނަ ބަޔަކު ވަނީ ސެގާޓް އިސްތިޢުފާ ދިނުމަށް ގޮވާލާފައެވެ.