ކުޅިވަރު

ސައުތް އޭޝިއަން ގޭމްސް: ޤައުމީ ފިރިހެން ކްރިކެޓް ޓީމު ކުޅުނު 3 ވަނަ މެޗުންވެސް ބަލިވެއްޖެ


ސައުތް އޭޝިއަން ގޭމްސްގެ ފިރިހެން ކްރިކެޓް އިވެންޓްގައި ކުޅުނު ތިންވަނަ މެޗުންވެސް ރާއްޖެ ބަލިވެއްޖެއެވެ.

މުބާރާތް ބާއްވާ ނޭޕާލް އާއި ދިވެހިރާއްޖެ ބައްދަލުކުރި މި މެޗު ނޭޕާލް ކާމިޔާބުކުރީ 84 ލަނޑުންނެވެ.

މި މެޗުގެ ޓޮސް ދިމާވެގެން ނޭޕާލްއިން ނިންމީ ފުރަތަމަ ކުޅެން އަރާށެވެ. އެގޮތުން ނޭޕާލް ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވިރު، ނޭޕާލްއިން ވަނީ 163 ލަނޑު ހަދާފައެވެ.

މި އިނިންގްސްގައި ނޭޕާލް ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 40 ލަނޑު ހެދި ކަރަން އާއި 39 ލަނޑު ހެދި ދިޕެންދްރާ ސިންގް އެވެ.

ޖަވާބުގައި ރާއްޖެއިން ކުޅެންއަރާ 20 އޯވަރުގެތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 79 ލަނޑެވެ. މި އިނިންގްސްގައި ރާއްޖެއަށް އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 17 ލަނޑު ހެދި މުހައްމަދު އައްޒާމް އާއި 13 ލަނޑު ހެދި މުހައްމަދު ރިޝްވާން އެވެ.

ލީގު އުސޫލުން ކުޅޭ މުބާރާތުގައި ރާއްޖެ މިހާތަނަށް ބަންގްލަދޭޝްއާއި ސްރީ ލަންކާއާއި ދެކޮޅަށް ކުޅުނު މެޗުތަކުން ވަނީ ބަލިވެފައެވެ. އަދި ލީގުގައި ކުޅޭ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ރާއްޖެ ނުކުންނާނީ ބޫޓާން އާއި ދެކޮޅަށެވެ.