ޚަބަރު

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ތިން ބޭފުޅުން އައްޔަންކުރައްވައިފިއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުަކަމަށް މިއަދު އައްޔަންކުރައްވާފައި ވަނީ ގަލޮޅު ހިލްމަން، މަރްޔަމް ވަޙީދާއާއި ހުވަދުއަތޮޅު ދެކުނުބުރި ތިނަދޫ، ސަނީޑޭލް، އަޙްމަދު ޤައިޞް އަދި ފާދިއްޕޮޅު ހިންނަވަރު ބާރަނާ، ޢަލީ ޔޫސުފް މިއަދު ޢައްޔަންކުރެއްވައިފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ، މެންބަރުކަމަށް އައްޔަންކުރުމަށް މަޖިލީހުން މިމަހުގެ 3 ވަނަ ދުވަހު ރުހުންދެއްވި މި ތިންބޭފުޅުން މަޤާމަށް ޢައްޔަންކުރައްވައި މަޤާމުގެ ލިއުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވި، މަރްޔަމް ވަޙީދާއަކީ ޑިވެލޮމެންޓަލް ސްޓަޑީޒް ދާއިރާއިން، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާއިން މާސްޓާސް ޑިގްރީ ޙާޞިލު ކުރައްވާފައިވާ ކަނބަލެކެވެ. މީގެ އިތުރުން މަރިޔަމް ވަހީދާ ވަނީ އިކޮނޮމިކްސް، ޕޮލިޓިކަލް ސައިންސް އެންޑް ސޯސިއޮލޮޖީގެ ދާއިރާއިން ބެންގަލޫރުގެ އެސްޓީ ޖޯސެފް ކޮލެޖް އޮފް އާރޓްސް އެންޑް ސައިންސް އިން ބެޗްލަރ ޑިގްރީ ހާޞިލުކުރައްވާފައެވެ. މަރިޔަމް ވަހީދާ އެންމެފަހުން އަދާކުރެއްވީ ޕަބްލިސް ސަރވިސް މީޑިޔާ (ޕީއެސްއެމް)ގެ ބޯޑު މެންބަރެއްގެ މަޤާމެވެ. މަރިޔަމް ވަހީދާ ވަނީ 1997 އިން ފެށިގެން ޓީވީއާއި ހުށަހެޅުމުގެ ދާއިރާގައި ދިގުމުއްދަތެއްގައި މަސައްކަތްކުރައްވާފައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވި، އަޙްމަދު ޤައިޞް ވަނީ އެންގްލިއާ ރަސްކިން ޔުނިވަރސިޓީ (ޔޫކޭ) އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާޞިލްކުރައްވާފައެވެ. އަދި އަޙްމަދު ޤައިޞް ވަނީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ކައުންސިލަރުގެ މަޤާމުވެސް ފުރުއްވާފައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވި، ޢަލީ ޔޫސުފު އެންމެފަހުން އަދާކުރައްވާފައި ވަނީ ރާއްޖެޓީވީގެ ނިއުސް ޑިރެކްޓަރުގެ މަޤާމެވެ. އޭގެ ކުރިން މޯލްޑިވްސް މީޑިޔާ ކައުންސިލާއި މޯލްޑިވްސް ޖަރނަލިޒަމް އެސޯޝިއޭޝަނުގެ ބޯޑު މެންބަރުކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން 2001 އިން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހަވީރު ނޫހުގައި މަސައްކަތް ކުރައްވައި ހަވީރު ނޫހުގެ އެސިސްޓެންޓް އެޑިޓަރުގެ މަޤާމު އަދާކުރައްވާފައިވެއެވެ. އަދި ހުވާސް މަޖައްލާގެ ލިޔުންތެރިއެއްގެ ހައިޞިއްޔަތުންނާއި ހަވީރު ނޫހުގެ ނޫސްވެރިއެއްގެ ގޮތުގައި ދިގުމުއްދަތެއްގައި ޢަލީ ޔޫސުފު މަސައްކަތްކުރައްވާފައި ވެއެވެ. އަލީ ޔޫސުފް ވަނީ މީޑިޔާގެ ދާއިރާއިން ތަފާތު ތަމްރީނު ޕްރޮގްރާމުތައް ފުރިހަމަ ކުރެއްވުމުގެ އިތުރުން އިންޑިޔާގެ ޗެންނާއީގައި ހުންނަ އޭޝިއަން ކޮލެޖް އޮފް ޖާރނަލިޒަމް އިން ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒް އިން ޖާރނަލިޒަމް ފުރިހަމަ ކުރައްވާފައެވެ.